ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ދަފްތަރުން ވަކިކޮށް މަޖިލީހަށް ނާންގާތީ އެކަން ސާފުކޮށްދިނުމަށާއި މަޖިލީހަށް އެކަން އަންގައިދިނުމަށް އެދި އެމްޑީޕީން އިލެކްޝަންސްއަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މޫސަގެ މައްސަލައެއް ބަލައި ޕާޓީން ވަކިކުރިކަން އެމްޑީޕީން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.

މޫސަ އެމްޑީޕީގެ ދަފްތަރުން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް ނާންގަތީ އެކަމާ ގުޅިގެން ސިޓީއެއް ފޮނުވިކަން އެމްޑީޕީގެ ސެކެރެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އަނަސް ވިދާޅުވީ، މެމްބަރު އީވާ އަބްދުﷲ އާއީ އިބްރާހިމް މުހައްމަދު ސޯލިހު ޕާޓީގެ ދަފްތަރުން ވަކިކުރިކަން އިލެކްޝަނުން އެންގި ނަމަވެސް މޫސަ އެމްޑީޕީގެ ދަފްތަރުން ވަކިކުރިކަން ޕާޓީއަށް އަންގާފައި ނުވާ ކަމަށެވެ. އަދި މޫސަގެ ފިންގަ ޕްރިންޓް ޖެހި ފޯމެއް އެމްޑީޕީގެ އެއްވެސް އޮފިޝަލަކު ސޮއިކޮށް ތައްގަނޑު ޖަހައި އިލެކްޝަނަށް ހުށަހަޅާފައި ނުވާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

" އެމްޑީޕީ އޮފީހަށް މޫސަ ފޯމު ހުށަހެޅީމަ އަޅުގަނޑުމެން ދެންނެވިން މޫސައަކީ ފިޔަވަޅު އަޅާ ކޮމިޓީން ޝަރުތުތަކެއް ކުރިމަތި ކުރުވައި އެމްޑީޕީން ވަކިކޮށްފައި ހުރި ބޭފުޅެއް ކަމަށް. އެހެންވީމަ އެކަންކަން ފުރިހަމަ ކޮށްގެން ހުށަހަޅަން އެންގިން،" އަނަސް ވިދާޅުވި އެވެ.

ނަމަވެސް މޫސަ ފޯމު ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަނަށް ކަމަށާއި އެތަނުން ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށް އަންސް ވިދާޅުވި އެވެ.

މޫސަ އެމްޑީޕީން ވަކިކުރިކަން އިލެކްޝަނުން މަޖިލީހަށް ނާންގާތީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ލިބޭ ހައްގުތަކެއް ގެއްލިގެންދާ ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބަހުސްގެ ވަގުތުދޭއިރު އެމްޑީޕީގެ ވަގުތުގެ ތެރޭން މޫސައަށް ވަގުތުދޭކަން އަނަސް ވަނީ ފާހަގަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ދަފްތަރާ ކުޅޭނަމަ ކޮމިޝަނުގެ އިތުބާރު ގެއްލި ޕާޓީތަކުގެ މެމްބަރުންގެ ސައްހަ އަދަދާމެދު ސުވާލު އުފެދޭނެ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ވަކިކޮށްފައި ހުރި މީހަކު ދަފްތަރުގައި ހިމަނައިގެން ޕާޓީތަކަށް ދޭންޖެހޭ ބަޖެޓް އެކުލަވާލުމަކީ އިލެކްޝަންސް ކޮމިޝަނުން މާލިއްޔަތު ގާނޫނާ ހިލާފުން ކަމަށް އަނަސް ފާހަގަކުރި އެވެ.

ފިންގާޕްރިންޓު ޖަހާފައިވާ އެމްޑީޕީގެ ފޯމް އަމިއްލަފުޅަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.