ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދި، އިންޑިއާ ވެސް ކޮމަންވެލްތުން ވަކިވުމަށް ވިސްނަމުންދާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓު ކޮށްފި އެވެ. އިންޑިއާ އިން މިގޮތަށް ވިސްނަމުންދާ އިރު، ރާއްޖެ އިން ވަނީ ނިމިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ކޮމަންވެލްތުން ވަކިވެފަ އެވެ.

އިންޑިއާގެ "ދަ ވަޔާ" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން، އިންޑިއާގެ ރަސްމީ ބައެއް ފަރާތްތަކުން ވަނީ، ކޮމަންވެލްތާ މެދު އެގުއުމުގެ ޚާރިޖިއްޔާ އިން ކަންބޮޑުވުންތަކެއް ހުރިކަން އެނޫހަށް ހާމަކޮށްފަ އެވެ.

އިންޑިއާގެ ކަންބޮޑުވުންތަކުގެ ތެރޭގައި، ކޮމަންވެލްތުން ރާއްޖެއާ މެދު ކަންކަން ކޮށްފައިވާ ގޮތް ހިމެނެ އެވެ.

އިންޑިއާގެ ސިއްރު މަސްދަރުން "ދަ ވަޔާ"އަށް ބުނި ގޮތުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑާ ގުޅުންހުރި ގިނަ މައްސަލަތަކެއް އިންޑިއާއިން ފާހަގަކުރެ އެވެ. އިންޑިއާގެ ކަމަލޭޝް ޝަރުމާގެ ސެކްރެޓަރީ ޖެނެރަލްކަމަށް ފަހު އެ މަގާމާ ޕެޓްރީޝާ ހަވާލުވެވަޑައިގެންނެވި އިރު، ޕެޓްރީޝާ ވަނީ އޭނާގެ ރަހުމަތްތެރިއެއްގެ ކޮންސަލްޓަންސީ ކުންފުންޏެއްގެ އެހީޢާ އެކު "ޓްރާންޒިޝަން ޓީމެއް" ކޮމަންވެލްތަށް ނަގާފަ އެވެ. މިކަން ފަޅާ އަޅުވާލައި، ޑެއިލީމެއިލުން ލިޔުންތަކެއް ޝާއިޢު ކުރުމުން އެކަމާ މެދު އިންޑިއާއިން ވަނީ ކަންބޮޑުވެ، ހިތްހަމަ ނުޖެހިފަ އެވެ.

މިކަމާ ގުޅިގެން ޕެޓްރީޝާ ބުނެފައި ވަނީ އެ ޓީމު އައްޔަނުކުރުމުގެ މަގްސަދަކީ ކޮމަންވެލްތު ހިންގުމަށް އޭނާއަށް އެހީތެރިވެދިނުން ކަމަށާއި، ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަށް ކޮންމެ މީހަކު ވެސް ވަޒީފާއަކަށް އައްޔަނުކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ.

އަދި ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލް ލަންޑަންގައި ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ އިންޓީރިއާއަށް ބަދަލު ގެންނަވަން ޕެޓްރީޝާ އުޅުއްވާ ކަމަށާއި އެކަމަށް ދާނެ އިތުރު ޚަރަދުތަކުގެ މައްސަލަ އިންޑިއާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން ރާއްޖެއާ ގުޅޭ ގޮތުން ކޮމަންވެލްތުން ކަން ކޮށްފައިވާ ގޮތާ މެދު އިންޑިއާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައި ކަމަށް "ދަ ވަޔާ" އިން ބުނެ އެވެ.

އެ ނޫހާ ވާހަކަ ދެއްކި ފަރާތްތައް ބުނާ ގޮތުން، އިންޑިއާއިން ގަބޫލު ކުރަނީ ކޮމަންވެެލްތުން ރާއްޖެ ލައްވާ ގަދަ ބާރުން ކަންކަން ކުރުމުގެ ބަދަލުގައި ރާއްޖެއަށް ކަންކަން ރަނގަޅުކުރުމަށް އެހީތެރިވާން ޖެހޭ ކަމަށް ކަމަށެވެ. ކޮމަންވެލްތުން ރާއްޖޭގެ މައްސަލަ ހައްލު ކުރަން ކުރި މަސައްކަތަށް ވުރެ، އދ. އިން އެ ޖަމިއްޔާގެ ޚާއްސަ މަންދޫބެއް ލައްވާ ރާއްޖޭގައި ކުރި މަސައްކަތާ މެދު މާ ހިތްހަމަޖެހެ އެވެ.

އިންޑިއާ އިން ސީމެގްގައި ރާއްޖެ ދިފާއުކުރަން ނެގި ސްޓޭންޑާ ގުޅިގެން އެގައުމަށް ވެސް ބޮޑެތި ޕްރެޝަރުތަކެއް އައިކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މޯލްޓާގައި އޮތް ބައްދަލުވުމުގައި ވަރަށް ބޮޑަށް ޕްރެޝަރުކުރި ރާއްޖެ އެޖެންޑާއާށް ލާން. އެތުގައި އިންޑިއާގެ މަންދޫބު ވިދާޅުވީ ވަރަށް ހަރުކަށިކޮށް، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް. ދެބަސްވުންތަކެއް ވެސް ހިނގި. އެންމެ ފަހުން ނިންމީ ރާއްޖެއަށް ސީމެގްގެ ވަފުދެއް ދިއުމަށާއި 2016 ޖެނުއަރީގައި ސީމެގްގެ ޚާއްސަ ބައްދަލުވުމެއް ބާއްވަން. މިއަހަރު އޮތް ސީމެގްގެ ދެ ބައްދަލުވުމުގެ ދެމެދުން ރާއްޖޭގެ ރައީސް އިންޑިއާއަށް ވަޑަައިގެން ވަނީ ސީމެގުން ރާއްޖެއަށް ދީފާނެ އަދަބަކުން ރާއްޖެ ދިފާއުކޮށްދޭން އިންޑިއާގެ ކިބައިން އެދިވަޑައިގެންފައި،" އޭނަ ވިދާޅުވި އެވެ.

"ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ، އެކަމުން އެހެން ކުދި ގައުމުތަކުން ވެސް އިބުރަތް ހާސިލުކޮށް، ފިލާވަޅުތަކެއް ހޯދާނެ ކަމެއް.އެގައުމުތަކުން ތިބޭނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ބައިނަލްއަގުވާމީ މަޝްރަހުން ދެން ހިނގާނެ ކަންކަން ބަލަބަލާ،" އިންޑިއާގެ އޮފިޝަލު ވިދާޅުވި ކަމަށް "ދަ ވަޔާ"އިން ރިޕޯޓު ކުރެ އެވެ.

އިންޑިއާ ކޮމަންވެލްތާ ވަކިވެއްޖެ ނަމަ މުޅި ކޮމަންވެލްތަށް ވެސް ބޮޑު ލޮޅުމެއް އަރާނެ އެވެ. އިންޑިއާއިން ކޮމަންވެލްތުގެ ފަންޑުތަކަށާއި މަސައްކަތްތައް ހިންގުމަށް ކޮންމެ އަހަރަކު ވެސް 1.2 މިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ ފައިސާ ކޮންޓްރިބިއުޓް ކުރެ އެވެ. ނަމަވެސް އިންޑިއާ ކޮމަންވެލްތުން ވަކިވެއްޖެ ނަމަ އެ ފައިސާ ކޮމަންވެލްތުން މަދުވެ، ކޮމަންވެލްތު ފަންޑުތަކުން އެހީ ލިބިގަންނަ 30 އަށް ވުރެ ގިނަ ކުދި ގައުމުތަކަށް އެހީ ކެނޑި އެކި ގޮތްގޮތުން އަސަރު ކުރާނެ އެވެ.