އެކިއެކި ފަރާތްތަކުން އާންމު ކުރަން ބޭނުންވާ ކްލެސިފައިޑް އިޝްތިހާރުތައް ޝާއިއު ކުރާނެ ޚާއްސަ ސޮފުހާއެއް ސަން އޮންލައިނުން ތަޢާރަފު ކޮށްފި އެވެ.

ސަން މީޑިއާ ގްރޫޕްގެ މާކެޓިން މެނޭޖަރު މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވީ އޮންލައިން ކޮށް ކްލެސިފައިޑް އިޝްތިހާރުތައް ކުރަން ބޭނުންވާ ފަރާތްތަކަށް މި ޚިދުމަތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށެވެ.

"ރާއްޖޭގެ އޮންލައިން ނޫހެއްގައި މިހާ ފުޅާ ދާއިރާއެއްގައި ކްލެސިފައިޑްސްގެ ޚިދުމަތް ދޭން މި ފަށަނީ އަލަށް. ސަން އޮންލައިން ފަދަ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވަންނަ ސައިޓެއްގައި މި ފަދަ އިޝްތިހާރުތައް ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ގިނަ ބަޔަކަށް އެ އިޝްތިހާރުތައް ފެނި އިޝްތިހާރު ކުރުމުގެ މަގުސަދު ވަރަށް ފަސޭހައިން ހާސިލު ވެގެންދާނެ ކަމެއް،" މިންނު ވިދާޅުވި އެވެ.

މިންނު ވިދާޅުވީ ސަން ކްލެސިފައިޑް އަލަށް ތަޢާރަފު ކުރުމަށްފަހު ފުރަތަމަ 30 ދުވަސް ވަންދެން މި ޚިދުމަތް ދޭން ނިންމާފައި ވަނީ ހިލޭ ކަމަށެވެ.
"ފުރަތަމަ ތިރީސް ދުވަސް ވަންދެން ސަން އޮންލައިންގެ ކްލެސިފައިޑް ސޮފުހާ ތަކުގައި އިޝްތިހާރު ކުރެވޭނެ އެއްވެސް އަގަކާ ނުލައި، އޭގެ ފަހުން ވެސް އަޅުގަނޑުމެން ނަގަން ގަސްދު ކުރަނީ ވަރަށް ކުޑަ އަގެއް،" މިންނު ވިދާޅުވި އެވެ.

ސަން އޮންލައިނުން ތައާރަފު ކުރި ކްލެސިފައިޑް ސަފުހާގައި ތަފާތު ގިނަ ކެޓެގަރީތައް ހިމަނާފައިވެ އެވެ. އެ ގޮތުން ކުއްޔަށް ދިނުމާ، ކުއްޔަށް ހިފުމާ، ގަނެ ވިއްކުން އަދި އެކަމަޑޭޝަން ފަދަ މުހިންމު ބައިތައް ހިމެނެ އެވެ. މީގެ އިތުރުން ކްލެސިފައިޑް އިޝްތިހާރުތައް ރައްޓެހިންނާ ހިއްސާ ކުރުމަށް ފޭސްބުކް ޝެއާ ކުރެވުމުގެ އިތުރުން ޓްވީޓް ކުރެވޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

މިދިޔަ މަހުގެ ސަން އޮންލައިނުން ވަނީ އިއުލާނު އަދި ދެންނެވުން ފަދަ މައުލޫމާތުތައް ޝާއިއު ކުރުމަށް ނޯޓިސް ބޯޑުގެ ނަމުގައި ވެސް ސޮފުހާއެއް ތަޢާރަފު ކޮށްފަ އެވެ. އަދި އެ ޚިދުމަތް ވެގެން ގޮސްފައި ވަނީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޚިދުމަތަކަށެވެ. ސަން ކްލެސިފައިޑް އަދި ނޯޓިސް ބޯޑުގައި ޝާއިއު ކުރާ ލިޔުންތައް ބަލަމުން ގެންދާ މީހުންގެ އަދަދު އަބަދު ވެސް އެނގެމުން ދާނެ ގޮތް އެ ސޮފުހާތަކުގައި ވަނީ ގާއިމު ކޮށްފަ އެވެ.