31 Oct 2016, 20:33
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ތ. ތިމަރަފުށި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ހދ. ހަނިމާދޫގެ މައްޗަށް ތިމަރަފުށި ކުރި ހޯދާފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗު ފެށިތަނާހެން ތިމަރަފުށިން ވަނީ ހަނިމާދޫ ކޮޅަށް ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ތިމަރަފުށްޓަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ޑޭވިޑް އޮފޯރީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ތިމަރަފުށި ކުރީގައި އޮވެގެންނެވެ.
މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ތިމަރަފުށީގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށެވެ. އެ ލަނޑު ތިމަރަފުށްޓަށް ކާމިޔާބުކޮށްދިނީ އަހްމަދު މައުރޫފް އެވެ.
މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެއް ވަނައިގައި ތިމަރަފުށި އޮތް އިރު، އެ ގްރޫޕްގެ ދެ ވަނައިގައި އޮތް އޭދަފުށްޓަށް އެއް މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ހަނިމާދުއާއި ނ. ލަންދުއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ގްރޫޕްގައި ހަނިމާދޫން ދެ މެޗު ކުޅެފައިވާ އިރު، ލަންދޫ ކުޅެފައި ވަނީ އެއް މެޗެވެ.