ނ. ހޮޅުދޫ އިން ގިނަ އަދަދެއްގެ ބަޔަކު އެމްޑީއޭ އަށް ސޮއިކޮށްފި އެވެ. ހޮޅުދޫ އިން އެމްޑީއޭ އާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ލީޑަރުގެ އޮފީހުގަ އެވެ.

ހޮޅުދޫން އެމްޑީއޭއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ޕާޓީގެ ލީޑަރާ ހަވާލުކޮށްދެއްވީ އެ ރަށުގެ މޭނާ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށްވާ ކެރޮޓް ޢަލީ ޝާތިރު އެވެ. އޭނާ އަކީ އެމްޑީއޭގެ ގައުމީ ކައުންސިލްގެ ވެސް މެންބަރެކެވެ.

ފޯމުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާތިރު ވިދާޅުވީ އެމްޑީއޭ އަށް ވަނުމަށް ހޮޅުދޫގެ ގިނަ ބަޔަކު އެދެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިތުރު ރައްޔިތުން ތަކެއް ވެސް ޕާޓީ އަށް ވަންނާނެ ކަމަށެވެ.

ރާއްޖޭގައި 18 ވަނަ އަށް އަދި އެންމެ ފަހުން އުފެއްދި ޕާޓީ އަކީ އެމްޑީއޭ އެވެ. އެހެން ނަމަވެސް އެ ޕާޓީން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބުތަކެއް ހޯދައިފަ އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެންބަރުން އެބަ ތިއްބެވި އެވެ. އަދި ސަރުކާރު ކޯލިޝަންގައި މި ވަގުތު ދެމިއޮތް ހަމައެކަނި ޕާޓީ އަކީ ވެސް އެމްޑީއޭ އެވެ.

މެންބަރުންގެ އަދަދަށް ބަލާ އިރު އެމްޑީއޭ މި ވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ޖޭޕީއާ އެމްޑީއޭ ދެމެދު ހުރީ 500 އެއްހާ މެންބަރުންގެ ތަފާތެވެ.

ފޯމުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާއި އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު ހުސެއިން ސާލިމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.