ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް އެތެރެކުރާ، ރާއްޖެ އެތެރެކުރުން މަނާ ބާވަތުގެ ތަކެތި ދެނެގަނެވޭ ބޮޑީ ސްކޭނަރެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން އެއާޕޯޓްސްގެ އެރައިވަލްސް ސަރަހައްދުން ކަސްޓަމްސްގައި ގާއިމުކޮށްފައިވަނީ ނެދަލެންޑްސްގެ އޯޑީ ސެކިއުރިޓީ ކުންފުނިން އުފައްދާ "ސޮޓަރ އާރް އެސް" ނަމަކަށް ކިޔާ ބޮޑީ ސްކޭނަރެކެވެ.

މި ސްކޭނަރުގެ އެހީގައި، އިންސާނާގެ ހަށިގަނޑުގައި 10 ސިކުންތު ތެރޭގައި އެކްސްރޭ ސްކޭން ކުރެވެއެވެ. އެހެންކަމުން ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވާ ނަމަ، އެ އެއްޗެއް ފާހަގަ ކުރެވެއެވެ. މިއީ ސްޓްރިޕް ސާޗް ކުރުމާއި، ހޮސްޕިޓަލަށް ގެންގޮސްގެން ހަށިގަނޑުގެ އެތެރެ ބަލައި ފާސްކުރުން ފަދަ ކަންކަން ކުރުމަށް ވުރެ މާ ފަސޭހަ ހައްލެކެވެ.

އެއާޕޯޓުގައި ބެހެއްޓި ބޮޑީ ސްކޭން މެޝިން މަސައްކަތް ކުރާގޮތް މިނިސްޓަރުން ބައްލަވާލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި މެޝިނުގެ ޒަރިއްޔާއިން ހަތިޔާރާއި މަސްތުވާތަކެއްޗާއި އަގުބޮޑު ޖަވާހިރާއި އަލިމަސް، ނުވަތަ އެހެނިހެން އެއްޗެއް ވެސް ހަށިގަނޑުގައި ރައްކާ ކޮށްގެން ރާއްޖެ އެތެރެކޮށްފި ނަމަ އެކަމެއް ފާހަގަ ވާނެއެވެ.

މިއަދު އައިއެންއައިއޭގައި ބޭއްވި ހަފްލާއެއްގައި، މި ބޮޑީ ސްކޭނަރު ގާއިމުކޮށްފައިވާ ޚާއްސަ ޔުނިޓު ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމް މިނިސްޓަރު އަޒްލީން އަހްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވި ގޮތުގައި، މިއަދު ރާއްޖެ މިވަނީ ކަސްޓަމްސް ސެކިއުރިޓީގައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ފެންވަރަކަށް އާދެވިފައެވެ.

އެއާޕޯޓުގައި ބޮޑީ ސްކޭނަރެއް ގާއިމުކުރުމަކީ 2018 ގެ ކުރިން ކަސްޓަމްސްއާއި އެމްއޭސީއެލްގެ މައްޗަށް ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމެކެވެ.

އެއާޕޯޓުގައި ބެހެއްޓި ބޮޑީ ސްކޭން މެޝިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށް ކުރެވޭ ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން، ދަތުރުފަތުރުކުރާ މީހުން ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނައުން ފަދަ އަމަލުތައް މިކަމުން ހުއްޓުވޭނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.

"އެއާޕޯޓާއި ކަސްޓަމްސް ގުޅިގެން ކުރި މި މަސައްކަތުން، ރާއްޖެ އެތެރެކުރާ ގާނޫނާ ޚިލާފު އެތައް ގިނަ އިލީގަލް ޑްރަގްސް ޓްރެފިކް ކުރުމުގައި ހިނގާ ހަރަކާތްތައް އިތުރަށް މޮނީޓަރ ކޮށް، ޓެކްނޮލޮޖީގެ އެޑްވާންސްމަންޓުގެ ތެރެއިން ގިނަ ގޮންޖެހުންތަކެއް މިވަނީ ހައްލު ކުރެވިފައި،"

މިކަން ކުރާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖެ މިވަނީ ދުނިޔޭގެ އެހެން ގައުމުތަކާ އެއްފެންވަރަށް އަޅުގަނޑުމެންނަށް މި އާދެވުނީ،" އަޒްލީން ވިދާޅުވިއެވެ.