31 Oct 2016, 21:44
އެޓްލާންޓިކް ކަނޑާ ގުޅިފައި އޮންނަ ގަލްފް އޮފް މެކްސިކޯގެ އަޑިން ސައިންސުވެރިންނަށް ކޯރެއް ފެނިއްޖެ އެވެ.
އެ ކޯރު ދިރާސާ ކުރެއްވި އެމެރިކާގެ ޓެމްޕަލް ޔުނިވާސިޓީގެ އެސޯސިއޭޓު ޕްރޮފެސަރު އޮފް ބައޮލޮޖީ އެރިކް ކޯޑެސް ވިދާޅުވި ގޮތުގައި ކަނޑު އަޑީގައި ކޯރެއް ދައުރުވާ މަންޒަރު ބެލުމަކީ އެހެން ދުނިޔެއެއްގެ ކަންތައް ހިނގާ ގޮތް ބެލުން ފަދަ ކަމެކެވެ.
"އެއީ ކަނޑު އަނޑިން ފެނުނު އެންމެ ހައިރާން ކުރުވަނިވި އެއް ކަންތައް. ކަނޑު އަޑިއަށް ދިޔުމުން ފެންނަނީ ކޯރެއް ދައުރުވާތަން. ހީވަނީ މިދުނިޔެ ނޫން އެހެން ތަނެއްގައި ހުރެވޭ ހެން،" ކޯޑެސް ވިދާޅުވި އެެވެ.
ދުނިޔޭގެ ކަނޑުތަކާއި ބެހޭ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ އޯޝެނޯގްރަފީގައި ކޯޑެސް އާއި އޭނާގެ ޓީމުން ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން ގަލްފް އޮފް މެކްސިކޯގެ އަޑީގައި ދައުރުވަމުންދާ ކޯރުގެ ފެނަކީ އޭގެ ވަށައިގެންވާ ފެނަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރަށް ލޮނުކަން ގަދަ ފެނެވެ. ކަނޑުގެ ފެނާއި އެކޯރުގެ ފެނާއި އެއް ނުވަނީ އެތަފާތުގެ ސަބަބުންނާއި އެކޯރުގައި ނުރައްކާ މިންވަރަކަށް ކެމިކަލްތަކެއް (މެތޭން އާއި ހައިޑްރޮޖެން ސަލްފައިޑް) ހުރުމުން ކަމަށް ސައިންސުވެރިން ބުނެ އެވެ.
އަދި އޭގެ ސަބަބުން އެކޯރަކީ އިންސާނުންނާއި ޖަނަވާރަށް ނުރައްކާ މާހައުލެއް ކަމަށާއި އެފަދަ މާހައުލެއްގައި ދިރިއުޅެވޭނީ ވަކި ބާވަތެއްގެ ބެކްޓީރިއާ އަށާއި، ޓިއުބް ވޯމްސް އަށާއި ޝްރިމްޕަށް ކަމަށް ސައިންސުވެރިން ބުނެ އެވެ.
އެހެންކަމުން ސައިންސުވެރިން މިހާރު ދަނީ އެފަދަ މާހައުލެއް އުފެދެން މެދުވެރިވާ ސަބަބުތަކާއި، ޒަމާންވާ ވަރަކަށް އެފަދަ ކޯރުތައް ބަދަލުވާ ގޮތާއި އެސަރަހައްދުތަކުގައި އުޅޭ ދިރުންތައް ދިރިއުޅޭ ގޮތް އިތުރަށް ދިރާސާ ކުރަމުންނެވެ.