ކުވައިތު (އޮކްޓޯބަރ 31) : ދުނިޔޭގެ ބިމުން މިހާތަނަށް ފެނިފައިވާ ތެލުގެ ރިޒާވްގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ އިރާގް، ސައޫދީ އަރަބިޔާ އަދި ކުވައިތުން ކަމަށް ޕެޓްރޯލާބެހޭ ދިރާސާތައް ކުރާ އަރަބި ޖަމްޢިއްޔާ ކަމަށްވާ އޮގަނައިޒޭޝަން އޮފް އަރަބް ޕެޓްރޯލިޔަމް އެކްސްޕޯޓިން ކަންޓްރީޒް (އޮއާޕެކް) އިން ބުނެފި އެވެ.

އެޖަމްޢިއްޔާ އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ދުނިޔޭގައި ތެލުގެ ރިޒާވް އެންމެ ބޮޑު ފަސް ގައުމުގެ ތެރެއިން ތިންގައުމަކީ އިރާގް، ސައޫދީ އަރަބިޔާ އަދި ކުވައިތެވެ. އަނެއް ދެ ގައުމަކީ ރަޝިޔާއާއި އެމެރިކާ އެވެ. އޮއާޕެކް ގައި ހިމެނެނީ އަރަބި ގައުމުތަކުގެ ތެރޭން ޕެޓްރޯލާއި ތެލުގެ އެނޫންވެސް ބާވަތްތައް އެކްސްޕޯޓްކުރާ ހަމައެކަނި އަރަބި ގައުމުތަކެވެ.

މީގެތެރޭގައި އިރާގް، ސައޫދީ އަރަބިޔާ އަދި ކުވައިތުގެ އިތުރުން ލީބިޔާ، ޔޫއޭއީ، ގަތަރު، އަލްޖަޒާއިރު، އުމާން، މިސްރު، ސޫރިޔާ، ޔަމަން އަދި ސޫދާން މޮރިޓޭނިޔާ، އަދި ތޫނިސް ހިމެނެ އެވެ. އޮއާޕެކް ގައި ހިމެނޭ ގިނަ އަރަބި ގައުމުތަކަކީ ޕެޓްރޯލާބެހޭ ދިރާސާތައް ކުރާ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ކަމަށްވާ އޮގަނައިޒޭޝަން އޮފް ޕެޓްރޯލިޔަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކް) ގެވެސް މެންބަރުންނެވެ.

އޮއާޕެކް ގެ ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ބިމުން މިހާތަނަށް ފެނިފައިވާ ތެލުގެ ރިޒާވްގެ މިންވަރަކީ ގާތްގަނޑަކަށް 1533.6 ޓްރިލިޔަން ފީފާގެ ތެލެވެ. މީގެތެރެއިން 511.6 ބިލިޔަން ފީފާގެ ތެލުގެ ރިޒާވް ހުރީ އަރަބި ތިން ގައުމުކަމަށްވާ އިރާގް، ސައޫދީ އަރަބިޔާ އަދި ކުވައިތުގެ ބިމުގަ އެވެ. އަދި އޮއާޕެކް ގައި ހިމެނޭ އަރަބި އެހެން ގައުމުތަކުން ދުނިޔޭގެ ތެލުގެ ރިޒާވްގެ ގާތްގަނޑަކަށް 8.1 ޕަސެންޓް ހިއްސާ ކުރާކަމަށާ އެހެންކަމުން މުޅިދުނިޔޭގެ ތެލުގެ ރިޒާވްގެ 41.3 ޕަސެންޓް ހިއްސާކުރަނީ އޮއާޕެކްގައި ހިމެނޭ އަރަބި ގައުމުތަކުންކަމަށް ވެސް މިރިޕޯޓް ބުނެ އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ތެލުގެ ރިޒާވް އެންމެ ބޮޑީ އިރާގް ގައެވެ. ދެން ސައޫދީ އަރަބިޔާއާއި ކުވައިތުގަ އެވެ. އިރާގުގައިގެ ތެލުގެ ރިޒާވް ސައޫދީ އަށް ވުރެ ބޮޑު ނަމަވެސް އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ސަބަބުން ތެލުގެ ދާއިރާގައި އިންވެސްޓް ނުކުރެވުމުގެ ސަބަބުން އެގައުމަށް އުފެއްދެނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ތިން މިލިޔަން ފީފާގެ ތެލެވެ. ނަމަވެސް ސައޫދީ އަރަބިޔާއިން ދުވާލެއްގެ މައްޗަށް 10 މިލިޔަން ފީފާއަށްވުރެ ގިނައިން އުފައްދަ އެވެ. އަދި ހުރިހާ އަރަބި ގައުމުތަކުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އުފައްދަނީ 27 މިލިޔަން ފީފާގެ ތެޔޮކަންވެސް އޮއާޕެކް ގެ ރިޕޯޓްގައި ހާމަކޮށްފައިވެ އެވެ.

އޮއާޕެކް ގެ މަރުކަޒު ހުންނަނީ ކުވައިތުގައެވެ. (ކުވައިތު ނޫސްއެޖެންސީ)