ކެންބެރާ (އޮކްޓޯބަރު 31): އޮސްޓްރޭލިއާއަށް ކަނޑު ބޯޓުން ދާ ފަރާތްތަކަށް އުމުރު ދުވަހަށް ވިސާ މަނާ ކުރާ ގާނޫނެއް ތައާރަފް ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިހަފްތާ ތެރޭގައި އޮސްޓްރޭލިއާގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ގާނޫނުގެ ދަށުން، 19 ޖުލައި 2013އިގެ ފަހުން އެގައުމަށް ބޯޓުން ވަންނަން މަސައްކަތް ކޮށްފައިވާ މީހުންނަށް އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާ މީހުންނަށް އުމުރު ދުވަހަށް އޮސްޓްރޭލިއާގެ ވިސާ މަނާ ވާނެ އެވެ.

އޮސްޓްރޭލިއާއަށް ބޯޓުންދާ ރެފިއުޖީން އެގައުމުން ފޮނުވާލަނީ އޮސްޓްރޭލިއާ ކައިރީ އޮންނަ ނައުރޫ އައިލެންޑަށާއި މާނުސް އައިލެންޑުގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ފެސިލިޓީތަކަށެވެ. އޮސްޓްރޭލިއާ ސަރުކާރުން ތައާރަފް ކުރަން މަސައްކަތް ކުރާ އާ ގާނޫނުގެ ދަށުން އެރަށްތަކުގައިވާ ޑިޓެންޝަން ފެސިލިޓީތަކަށް ފޮނުވާފައިވާ މީހުންނަށް މީގެ ފަހުން އެއްވެސް ބާވަތެއްގެ ވިސާއެއް ނުލިބޭނެ އެވެ.

އެހެންކަމުން އެ ރަށްތަކުގައި ތިބި މީހުންނަކީ ރެފިއުޖީންނަށްވީ ނަމަވެސް އެ މީހުންނަށް ދެން ކުރެވެން އޮންނާނެ ކަމަކީ އޮސްޓްރޭލިއާއަށް ނުގޮސް ނައުރޫ ނުވަތަ މާނުސް އައިލެންޑުގައި ވަޒަންވެރި ވުން، ނުވަތަ އަމިއްލަ ގައުމަށް އަނބުރާ ދިޔުން، ނުވަތަ އެހެން ގައުމަކަށް ދިޔުމެވެ. ނަމަވެސް އެގާނޫނުގެ ދަށުން ކުޑަކުދިންނަށް ވިސާ މަނާ ނުކުރާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. (ބީބީސީ)