މިޒަމާނުގެ ގިނަ ކުޑަކުދިން އުޅޭނީ ތަފާތު ވައްތަރުގެ ކުޅިވަރު ސާމާނު އަޅާ ފުރާފައި ހުންނަ ވަށިގަނޑެއް ނުވަތަ ދަބަހެއް ހިފައިގެންނެވެ. ނަމަވެސް ޓެކްނޮލޮޖީއަށް ދެވި ހިފާ ކުދިން ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.

ކުޑަކުދިންގެ ކަންތައްތައް ދިރާސާކުރާ މާހިރުން ބުނަމުންދާ ގޮތުގައި ކުދިން ޓެކްނޮލޮޖީއަށް ދެވި ހިފަމުންދާތީ ރަނގަޅަށް ލިއުމާއި ވާހަކަ ދެއްކުމަކީ ގިނަ ކުދިން ތަކަކަށް މިހާރު ވަނީ ދަތި ކަމަކަށް ވެފައެވެ.

އިނގިރޭސި ވިލާތުގެ ރޯޔަލް މެޑިސިން ސޮސައިޓީގެ މެމްބަރެއް ކަމަށްވާ ޑރ. އެރިކް ސިގްމަން މިމޭރުމުން ވާހަކަ ދެއްކެވީ ކުޑަކުދިންނަށް އަމާޒުކޮށްގެން އުފެއްދި ޓެބްލެޓް ޕީސީ އިނޯ ޓެބް އިނގިރޭސިވިލާތުގައި އަންނަ އޮގަސްޓް މަހު ބާޒާރަށް ނެރޭނެކަން ހާމަކުރުމާ ގުޅިގެންނެވެ. އިނގިރޭސި ކުންފުންޏެއް ކަމަށްވާ ވީޓެކްއިން އުފައްދާފައިވާ އިނޯ ޓެބް އަކީ އެމެރިކާގެ އެޕަލް ކުންފުނިން އުފައްދާފައިވާ އައިޕެޑަށް ކުޑަކުދިންގެ ފަރާތުން އޮންނަ ޑިމާންޑް ބޮޑުވީމާ އެވިޔަފާރި އަތުލުމަށް އުފެއްދި އުފެއްދުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމްޕީ3 ޕްލޭޔަރަކާއި ޓަޗް ސްކްރީނެއް އަދި ކުޑަކުދިންނާ ގުޅޭ ގިނަ އެޕްލިކޭޝަންތައް ހިމެނޭ އިނޯޓެބްއަކީ އުމުރުން ހަތަރު އަހަރާ ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން އުފައްދާފައި އުފެއްދުމެކެވެ.
79.99 ޕައުންޑަށް ވިއްކާ އިނޯ ޓެބް އުފެއްދި ފަރާތުން އުއްމީދުކުރާ ގޮތުގައި އެކޮމްޕިއުޓަރު ބާޒާރަށް ނެރުމަށް ފަހު އެންމެ ގިނައިން ވިކޭ ކުޑަކުދިންގެ ކޮމްޕިއުޓަރު ކަމުގައި އެ އުފެއްދުން ވެގެން ދާނެއެވެ.

ލިޔެކިއުމާ ބެހޭ މާހިރެއް ކަމަށްވާ ސޫ ޕާމާ ވިދާޅުވާ ގޮތުގައި މިފަދަ އުފެއްދުން ތަކުގެ ސަބަބުން ކުޑަކުދިން ލިޔަން ކިޔަން ދަސްކުރުމަށް މައްސަލަތައް ކުރިމަތިވާނެއެވެ. ނަމަވެސް އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓެއް ކަމަށްވާ ކައިރަން ކްލެން ވިދާޅުވަނީ މި އުފެއްދުމުގެ ސަބަބުން ކުދިންގެ ތައުލީމަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ. -- ޑެއިލީ މެއިލް