31 Oct 2016, 14:23
ބޯޕާލް (އޮކްޓޯބަރު 31): އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލް ސިޓީގައި ހުންނަ ޖަލަކުން މިއަދު އަށް ގައިދީން ފިލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ޖަލުން ފިލާފައި ވަނީ އިންޑިއާގައި މަނާކޮށްފައިވާ ސްޓޫޑެންޓްސް އިސްލާމިކް މޫވްމެންޓް އޮފް އިންޑިއާއަށް ނިސްބަތްވާ ބަޔެކެވެ. އެ މީހުން ޖަލުން ފިލާފައި ވަނީ ޖަލުގައި ހުރި ސެކިއުރިޓީ ގާޑުގެ ކަރު ބުރި ކޮށްގެން އޭނާ މަރާލުމަށް ފަހު، ބެޓްޝީޓް ބޭނުން ކޮށްގެން ޖަލުގެ ފާރުން ފައިބައިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުުހުންނާ ހަވާލާދީ ދި ހިންދޫގައިވާ ގޮތުން ޖަލުން ފިލި ގައިދީންނަކީ މީހުން މެރުމާއި، ބޭންކުން ވައްކަން ކުރުމާއި، ހަމަނުޖެހުމަށް ހިތްވަރު ދިނުން ފަދަ ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އޭގެ ތެރޭގައި މަދްޔަ ޕްރަދޭޝްގެ އެހެން ޖަލެއް ކަމަށްވާ ޚަންދުވާ ޖަލުން 2013 ވަނަ އަހަރު ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރި ތިން މީހަކު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެެވެ.
މަދްޔަ ޕްރަދޭޝްގެ ފުލުހުން ވަނީ ފިލާފައިވާ ގައިދީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އަދި އެ ގައިދީންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުޕީސްގެ އިނާޔަތެއް ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ. (ދި ހިންދޫ)