ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށް ހާއްސަ އިސްކަމެއް ނުދޭނެ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ މެޗުތަކެއް ގެއްލިގެންދިޔަ ޓެރީ ވަނީ މިދިޔަ ބުދަ ދުވަހު އިނގިރޭސި ލީގު ކަޕުގައި ވެސްޓް ހާމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ، 2-1 ލަނޑުން ބަލިވި މެޗުގައި ފެނިގެންގޮސްފަ އެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އުމުރުން 35 އަހަރުގެ ޑިފެންޑަރު ޓެރީ އަށް އިންނަން ޖެހިފައި ވަނީ ބެންޗުގަ އެވެ. އެ ދެ މެޗުގައި އެ ކްލަބުގެ ކޯޗު ކޮންޓޭ، ޓެރީގެ ބޭނުން ހިފައިފައެއް ނުވެ އެވެ.

"އަހަރެން ނިންމުންތައް ނިންމާނީ ޓީމަށް އެންމެ ފައިދާވާނެ ގޮތަށް. ކްލަބަށް އެންމެ ރަނގަޅު ގޮތަށް. އަދި މެޗުތަކުން މޮޅުވުމަށް. އެއް ކުޅުންތެރިޔަކީ ކެޕްޓަން ނުވަތަ ވައިސް ކެޕްޓަނަށް ވިޔަސް، ވަކި ހާއްސަ އިސްކަމެއް ނުދޭނަން. އިސްކަމެއް ދޭނީ ކަންތައްތައް ހައްލުކޮށް، ޓީމަށް އެންމެ ފައިދާވާނެ ގޮތަކަށް ނިންމުންތައް ނިންމުމަށް،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، އޭނާ އަށް ވެސް ކުށެއް ކުރެވިދާނެ ކަމަށާއި އެކަމަކު އަބަދު ވެސް ބަލަނީ އެންމެ ރަނގަޅަށް ކަންތައްތައް ކުރުމަށް ކަމަށެވެ. އަދި ނިންމުންތައް ނިންމާނީ ވަކި ކުޅުންތެރިޔަކަށް ފައިދާވާ ގޮތަށް ބަލައިގެން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"ޓެރީ އަށް ލިބުނު އަނިޔާ އިން ސަލާމަތްވެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ރަނގަޅު ފެންވަރު ނުދެއްކިދާނެ. އަހަރެން އޭނާ އަދި ޓީމާ މެދު ވެސް ހިތްހަމަޖެހޭ،" ކޮންޓޭ ބުންޏެވެ.