މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއެކެވެ. "ދުނިޔޭގެ އެންމެ އަވަސް ކޭޝިއަރު"ގެ ނަން ދީފައިވާ އެ ވީޑިއޯ، 13 މީލިއަން މީހުން ބަލައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ޝެއާ ކޮށްފައިވެ އެވެ.

އެއީ މުސްކުޅި ފުރައިގެ ކޭޝިއަރެއް މަސައްކަތް ކުރާ ގޮތް ލަސްކަމުން، އެކަމަށް މަލާމަތް ކުރުމުގެ ގޮތުން ނަގާފައިވާ ވީޑިއޯއެކެވެ. ނަމަވެސް ހަގީގަތަކީ ބޭންކެއްގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެ އަންހެން މީހާ އަކީ މަޑު މަޑުން މަސައްކަތް ކުރި ނަމަވެސް ހިތްވަރު ގަދަ އަންހެނެއް ކަމެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ކުންޑަން ސްރިވަސްތާގެ ފޭސްބުކް ޕޯސްޓެއްގައި އެނާ ބުނި ގޮތުގައި ވީޑިއޯއިން ފެނިގެންދާ ޕްރެމްލާތާ ޝިންދޭ އަކީ ޕޫނޭގައި ހުންނަ މަހާރަޝްތުރާ ބޭންކުގެ ބްރާންޗުގައި މަސައްކަތް ކުރާ ކޭޝިއަރެކެވެ.

ކުންޑަން ބުނި ގޮތުގައި ޕްރެމްލާތާއަށް ވަނީ މީގެ ކުރިން ދެ ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހިފަ އެވެ. އަދި އެ ވީޑިއޯ ނަގާފައި ވަނީ އޭނާ ބޭސްފަރުވާ އަށް ފަހު މަސައްކަތަށް ނިކުތްތާ މާގިނަ ދުވަހެއް ނުވަނީސް އެވެ. ކުންޑަން ބުނި ގޮތުގައި މުސާރަ ލިބޭ ގޮތަށް ޗުއްޓީ ނެގެން އޮތް ނަމަވެސް ޕްރެމްލާތާ ނިންމީ އަންނަ ފެބްރުއަރީ މަހު އޭނާ ރިޓަޔާ ކުރުމުގެ ކުރިން، އޭނާގެ ވަޒީފާ ފުރިހަމައަށް އަދާ ކުރުމަށެވެ.

އެހެންކަމުން އެ ބޭންކުން ވަނީ ޕްރެމްލާތާ މަސައްކަތް ކުރާ ސްޕީޑުގައި އޭނާއަށް މަސައްކަތް ކުރެވޭ ގޮތަށް، އޭނާއަށް ހާއްސަ ކައުންޓަރެއް ހަދާފައި ކަމަށާއި ނަމަވެސް އެ ވީޑިއޯ ނަގައި އާންމު ކުރި ފަރާތްތަކަށް އެކަމެއް ނޭނގޭ ކަމަށް ކުންޑަން ބުންޏެވެ.

މީގެ އިތުރުން ޕްރެމްލާތާ އަކީ ހުވަފަތްވެފައިވާ އަންހެނެއް ކަމަށާއި އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ދިރިއުޅެނީ އިންޑިއާއިން ބޭރުގައި ކަމުން ޕްރެމްލާތާ ހުރިހާ ބޭސްފަރުވާއަކަށް ހަރަދު ކުރަނީ އަމިއްލައަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް ކުންޑަން ބުންޏެވެ.

ޕްރެމްލާތާ ފެނިގެންދާ ވީޑިއޯ ފަދަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަބަދުވެސް ދައުރުވަމުންދެ އެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެފަދަ ވީޑިއޯއެއް 'ލައިކް' ކުރުމުގެ ކުރިން ނުވަތަ 'ޝެއާ' ކުރުމުގެ ކުރިން އޭގެ ހަގީގަތް ބަލާލުމަކީ މުހިއްމު ކަމެކެވެ.