31 Oct 2016, 11:35
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ 'އޭ ދިލް ހޭ މުޝްކިލް'ގައި ލީޑު އެކްޓަރުން، ރަންބީރު ކަޕޫރު އަދި އައިޝްވާރްޔާ ރާއި ބައްޗަންގެ ގައިގޯޅި މަންޒަރުތަކެއް ހިމެނެ އެވެ.
އެފަދަ މަންޒަރުތަކެއް ހިމެނޭތީ ފިލްމު ރިލީޒް ކުރުމުގެ ކުރިން ވެސް އައިޝްވާރްޔާގެ ފިރިމީހާ، އަބީޝެކް ބައްޗަން އާއި ބަފައިބެ އަމީތާބް ބައްޗަން ވަރަށް ބޮޑަށް ނުރުހުންވެފައި ތިބި ކަމުގެ ޚަބަރުތައް ވަނީ ފެންމަތިވެފަ އެވެ.
އަނެއްކާ ވެސް ފިލްމުގައި ހިމެނޭ މަންޒަރުތަކުގެ ސަބަބުން ބައްޗަން އާއިލާ މިވަނީ ރުޅި އައިސްފަ އެވެ. މިފަހަރު އައިޝްވާރްޔާ ދެކެ އެއް ނޫނެވެ. ރަންބީރު ދެކެ އެވެ.
ބައްޗަން އާއިލާ އިން ރަންބީރު ދެކެ ރުޅި އައީ، އައިޝްވާރްޔާ އާއެކު އެފަދަ މަންޒަރުތަކެއް ކުޅެން ލިބުމުން އޭނާ ބުނި އެއްޗެއްގެ ސަބަބުންނެވެ. ރޭޑިއޯ އިންޓަވިއު އެއްގައި ރަންބީރު ބުނެފައި ވަނީ އޭނާ ލިބުނު ފުރުސަތުގެ ބޭނުން ހިފާލީ ކަމަށެވެ.
އަދި ފުރަތަމަ ވަރަށް ބޮޑަށް ޖެހިލުންވި ކަމަށާއި، އައިޝްވާރްޔާ ކޮލުގައި ފިރުމާލަން އުޅުނަސް އަތް ތުރުތުރު ލާ ކަމަށެވެ.
"ދެން އައިޝްވާރްޔާ ބުނީ ރަންބީރު ކިހިނެތް ހޭ ތި އުޅެނީ. އަހަރެމެންނަކީ އެކްޓަރުންނޭ. ރަނގަޅަށް އެކްޓު ކުރާށޭ. ދެން އަހަރެން ހިތަށް އެރީ މިކަހަލަ ފުރުސަތެއް އަބަދަކު ނުލިބޭނެ އޭ. އެހެންވެ ފުރުސަތުގެ ބޭނުން ހިފާލީ،" ރަންބީރު ބުނެފައިވެ އެވެ.
އެ ކޮމެންޓުގެ ސަބަބުން ބައްޗަން އާއިލާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ތިބި ކަމަށް އާއިލާއާ ގާތް ފަރާތަކުން ވަނީ ބުނެފަ އެވެ. އޭނާ ބުނީ ބައްޗަން އާއިލާ ގައި ވަރަށް ޕްރޮފެޝަނަލް ހަތަރު އެކްޓަރުން ތިބި ކަމަށާއި، ޕްރޮފެޝަނަލް ކޮށް ވާހަކަ ދެއްކުމަކީ ކޮބައިކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އަދި ރަންބީރު އެހާ ހުތުރުކޮށް ވާހަކަ ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ އާއިލާ އިން ގަބޫލު ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ރަންބީރުގެ ވާހަކަތަކާ ގުޅިގެން ނުރުހުން ވެފައި ތިބީ ހަމައެކަނި ބައްޗަން އާއިލާ އެއް ނޫނެވެ. ވަރަށް ގިނަ ބަޔަކު ވަނީ ރަންބީރުގެ ވާހަކަތަކާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.
ފަހުން ދިން އިންޓަވިއު އެއްގައި ރަންބީރު ބުނީ، އައިޝްވާރްޔާ އަކީ އޭނާ ވެސް އަދި މުޅި އިންޑިއާ ވެސް ވަރަށް އިހުތިރާމް ކުރާ މީހެއް ކަމަށާއި، އެފަދަ ގޮތަކަށް އައިޝްވާރްޔާގެ އަގު ވައްޓާނުލާނެ ކަމަށެވެ.
އަދި އެ ކޮމެންޓަކީ އެއްގޮތަކަށް ވެސް ނުބައި މާނައެއްގައި ބުނި އެއްޗެއް ނޫން ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.