ހދ. ކުޅުދުއްފުއްޓާއި ކ. މާފުށީގައި ނަރުދަމާގެ ޚިދުމަތުން އެމްޑަބްލިއުއެސްސީން ނަގާ ޓެރިފް މާދަމާ އިން ފެށިގެން 100 ރުފިޔާ އިން 30 ރުފިޔާއަށް ކުޑަކުރާނެކަން އިއުލާން ކޮށްފި އެވެ.

އެކަން އިއުލާން ކުރެއްވީ އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މިދިޔަ ހަފްތާގައި ހދ. މަކުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ، ހދ. ކުޅުދުއްފުށީގައި ނަރުދަމާ ޓެރިފް 30 ރުފިޔާއަށް ކުޑަ ކުރާނެކަން އިއުލާން ކުރައްވައިފައެވެ.

ފަޒުލް މިއަދު ވިދާޅުވި ގޮތުގައި، އެމްޑަބްލިއުއެސްސީން މިއަދު ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްނެގުމުގެ މަތިން، އަދި އެމްޑަބްލިއުއެސްސީގެ ބޯޑުން މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެކެވެ.

ހދ. ކުޅުދުއްފުއްޓާއި މާފުށްޓަކީ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންސް ސެންޓަރު ގާއިމުކޮށްފައިވާ ދެ ރަށެވެ.

"މާދަމާއިން ފެށިގެން ގެނެވޭ މި ބަދަލަކީ ރައްޔިތުންނަށްޓަކައި ސަރުކާރުން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް،" ފަޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުތަކުން ޓެރިފް ނަގައި، މާލޭގައި އެފަދަ ޓެރިފެއް ނުނަގާތީ ގިނަ ބައެއްގެ ޝަކުވާ ދިޔައީ ސަރުކާރުގެ އިތުރުން، އެ ކުންފުންޏަށް ވެސް ލިބެމުން ކަމަށެވެ.

"ކޮންމެ ގޭބިސީއަކުން ނަގަމުން އައީ 100 ރުފިޔާ ޗާޖެއް. މާލޭގައި ސުވަރޭޖް ޗާޖު ނުނަގައި، ރަށްރަށުގައި ނަގާތީ މި ކުންފުންޏަށާއި ސަރުކާރަށް ވެސް ވަރަށް ބައިވަރު ޝަކުވާ ދިޔައީ އަންނަމުން. ސުވަރޭޖް ޗާޖު ނަގަނީ ނަރުދަމާ ބެލެހެއްޓުމަށްޓަކައި. ނަރުދަމާ ބެލެހެއްޓުމަށް މި ކުންފުނިން ވަރަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުން،"

ފަޒުލް ވިދާޅުވީ ދެ ރަށުގެ ނަރުދަމާ ޓެރިފުން 70 ޕަސަންޓު ކަނޑާލުމާ އެކު، އެމްޑަބްލިއުއެސްސީއަށް ލިބޭ އާމްދަނީއިން ބޮޑު ބައެއް އުނިވާނެ ކަމަށެވެ.

އެގޮތުން، ކުޅުދުއްފުށިން އެމްޑަބްލިއުއެސްސީއަށް ލިބޭ އާމްދަނީ އަހަރެއްގެ މައްޗަށް ބަލާއިރު 12 މިލިޔަން ރުފިޔާއިން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މާފުށީގެ އާބާދީ ކުޅުދުއްފުއްޓާ އަޅާ ބަލާއިރު މަދު ކަމުން، ނިސްބަތުން އެ އަދަދު ކުޑަވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.