31 Oct 2016, 11:04
ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓްއާ ކުރުމާއެކު ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ މަގާމަށް ގެރެތު ބޭލް ހޮވިއްޖެ އެވެ. ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ މަގާމުގައި މީގެ ކުރިން ހުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2013 ވަނަ އަހަރު އިނގިރޭސި ކްލަބް ޓޮޓެންހަމް އިން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް 85 މިލިއަން ޕައުންޑަށް ބަދަލުވި ބޭލް މިހާރު ވަނީ 2022 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑްގައި މަޑުކުރުމަށް އެއްބަސްވެފަ އެވެ.
ސްޕެއިންގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އާ ކޮންޓްރެކްޓާ އެކު ބޭލް އަށް ހަފްތާއަކު ޖުމްލަ 600،000 ޕައުންޑް އަދި ޓެކްސްއަށް ކެޑުމަށްފަހު 350،000 ޕައުންޑް ލިބޭނެ އެވެ. ބޭލް އަށް ލިބޭ އެ އަދަދަކީ ޓެކްސްއަށް ކެޑުމަށްފަހު ރޮނާލްޑޯއަށް ލިބޭ އާމްދަނީއަށް ވުރެން 62،000 ޕޮއުންޑް ބޮޑު އަދަދެކެވެ.
ޗެމްޕިއަންސް ލީގް ޓްރޮފީއާ އެކު ވޭތުވެދިޔަ ތިން ސީޒަނުގައި ރެއާލުން ފަސް ޓްރޮފީ ހޯދާފައިވާއިރު ބޭލް ވަނީ މުހިންމު ދައުރެއް އަދަކޮށްދީފަ އެވެ. ރެއާލްއާ ގުޅުނު ފަހުން ބޭލް ވަނީ އެ ޓީމަށް ކުޅެދިން 135 މެޗުގެ ތެރޭގައި 62 ގޯލު ކާމިޔާބުކޮށް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ބޭލްގެ އިތުރުން ރެއާލް މެޑްރިޑްގެ ދެ މިޑްފީޑަރުން ކަމަށްވާ ޓޮނީ ކްރޫސް އާއި ލުކާ މޮޑްރިޗް ވެސް ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އިތުރުކޮށްފަ އެވެ. ރެއާލް މެޑްރިޑްގެ އިތުރުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ރޮނާލްޑޯ އަލުން އެ މަގާމް ބޭނުންނަމަ އޭނާ އަށް ވެސް ދެން ޖެހޭނީ ރެއާލް މެޑްރިޑްއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ކުރާށެވެ.