އިޓާލިއަން ލީގުގައި ރޭ ރޯމާ އާއި އެމްޕޮލީ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު ވާދަވެރި އޭސިމިލާން 1-0ގެ ނަތީޖާ އަކުން ޕެސްކަރާ އަތުން މޮޅުވެއްޖެ އެވެ.

ރޭގެ މެޗު ކާމިޔާބުކޮށްގެން ރޯމާ އަށް ތާވަލުގެ އެއްވަނާގައި ޔުއެންޓަސްއާ ދެ ޕޮއިންޓަށް ގާތަށް ޖެހެލަން ފުރުސަތު އޮތް ނަމަވެސް ލިބުނު އެއް ޕޮއިންޓާ އެކު އެ ޓީމު އޮތީ ޖުމްލަ 23 ޕޮއިންޓާއެކު ލީގުގެ ދެވަނާގަ އެވެ. އޭސީ މިލާން ތިން ވަނާގައި އޮތީ 22 ޕޮއިންޓާއި އެކު އެވެ.

ރަށުން ބޭރުގައި ރޯމާ ކުޅުނު މެޗުގައި އެ ޓީމުގެ އެޑިން ޒެކޯ އާއި އެލްޝަރާވޭއާ އަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެމްޕޮލީގެ ގޯލު ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ. ރޯމާ އަތުން ލިބުނު އެއް ޕޮއިންޓާއެކު އެމްޕޮލީ އޮތީ ޖުމަލް ހަތް ޕޮއިންޓް ހޯދައިގެން ލީގްގެ 18 ވަނާގަ އެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖިއަކޯމޯ ބޮނަވެންޗޫރާ އެވެ.