31 Oct 2016, 10:01
ޖަޕާނުގައި އެންމެ ފުޅާ ދާއިރާއެއްގައި ޝިޕިންގް ވިޔަފާރި ކުރަމުންދާ، އެގައުމުގެ އެންމެ ބޮޑު ތިން ޝިޕިންގް ކުންފުނިން ޖޮއިންޓް ވެންޗާއެއް އުފައްދައި، ތިން ކުންފުނީގެ ކޮންޓެއިނާ އޮޕަރޭޝަންތައް އެއްކޮށްލައިގެން ހިންގުމަށް ނިންމައިފި އެވެ.
ޖަޕާނުގެ އެންމެ ބޮޑު ތިން ޝިޕިންގް ކުންފުނި ކަމުގައިވާ ނިޕޮން ޔުސެން ކައިޝާ، މިޓްސުއި އޯއެސްކޭ ލައިންސް އަދި ކަވަސާކީ ކިސެން ކައިޝާއިން ތިން ކުންފުނީގެ ކޮންޓެއިނާ އޮޕަރޭޝަންތައް އެއްކޮށްލުމަށް ނިންމީ ގްލޯބަލް އޯގަނައިޒޭޝަން ހަރުދަނާކޮށް، ޝިޕިންގް ލައިންގެ ނެޓްވޯކް ރަނގަޅު ކުރުމަށެވެ.
އަދި އަލަށް އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނިން މިހާރަށް ވުރެ ރަނގަޅު ކޮލިޓީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ތިން ކުންފުނިން ބުނެ އެވެ.
ތިން ކުންފުނީގެ ކޮންޓެއިނާ އޮޕަރޭޝަންތައް އެއްކޮށްލުމުން ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު ކޮންޓެއިނާ ޝިޕިންގް ލައިން އުފެދިގެން ދާނެ އެވެ. އެއީ 256 އާގުބޯޓާއި، ޖުމްލަ 2،000 އަށް ވުރެ ގިނަ އުޅަނދާ އެކު، ދުނިޔޭގެ ޝިޕިންގް މާކެޓުގެ ހަތް ޕަސަންޓު ހިއްސާ އެވެ.
ތިން ކުންފުނީގެ އޮޕަރޭޝަންތައް އެއްކޮށްލުމަށް ނިންމާފައި މިވަނީ، ދުނިޔޭގެ ޝިޕިންގް ވިޔަފާރި ދަށްވެފައިވާ ދުވަސްވަރެއްގަ އެވެ. ތިން ކުންފުނިން ބުނާ ގޮތުގައި މި ޖޮއިންޓް ވެންޗާގެ ސަބަބުން އަހަރަކު ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.