ކެނެޑާ އާއި ވިލާތުގެ އިއްތިހާދު (އީޔޫ)އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

"ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް ޓްރޭޑް އެގްރީމެންޓް ވިތު ކެނެޑާ" ނުވަތަ ސޮއިކުރީ، އިއްޔެ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބޭއްވި ސަމިޓެއްގަ އެވެ.

އެ އެއްބަސްވުމުގެ މަޝްވަރާތައް މީގެ އަށް އަހަރު ދުވަސް ކުރިން ކުރެވެމުން އައި ނަމަވެސް، މިހާތަނަށް ވެސް އެއްބަސްވުމުގައި ސޮއިކުރެވިފައި ނުވީ، ބެލްޖިއަމްއިން އެ އެއްބަސްވުމަ ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

ބެލްޖިއަމްގެ ދެކުނުގައި އޮންނަ ވަލޯނިއާ ސަރަހައްދުން އެ އެއްބަސްވުމަށް ދެކޮޅު ހެދީ، މަސައްކަތްތެރީންނާއި ތިމާވެށީގެ އިތުރުން ކޮންސިއުމަރުންގެ ހައްގުތައް އިތުރަށް ރައްކާތެރިކުރަން ބޭނުންވާ ކަމަށް ބުނެއެވެ. އަދި ކެނެޑާގެ އިމްޕޯޓުތަކުގެ ސަބަބުން ވަލޯނިއާގެ ދަނޑުވެރިންނަށް ކުރިމަތިވާނެ ގޮންޖެހުންތަކުން އެމީހުން ރައްކާތެރިކުރުމަށް ވެސް ވަލޯނިއާއިން އެދިފައިވެ އެވެ.

ނަމަވެސް ވަލޯނިއާގެ ކަންބޮޑުވުންތަކައް ހަމަޖެހުމެއް ގެނައުމަށްޓަކައި، އެ އެއްބަސްވުމަށް ވަނީ އިތުރު މާއްދާއެއް އިތުރުކޮށްފަ އެވެ.

އިއްޔެ ބްރަސެލްސްގައި ބޭއްވި ސަމިޓުގައި ސީޓާ ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ރަނގަޅު އިގްތިސާދީ ކުރިއެރުމެއް ހޯދުމަށްޓަކައި ރަނގަޅު ވަޒީފާ އުފެއްދުމާ ގުޅޭ ގޮތުން ކެނެޑާއާއި ޔޫރަޕުގެ ރައްޔިތުން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށެވެ.

"މިފަދަ ވިޔަފާރީގެ ދެމެހެއްޓެނިވި އެގްރިމެންޓުތަކުން ކޮށްދޭނީ ހަމަ އެކަހަލަ ކަންކަން،" ޓްރޫޑޯ ވިދާޅުވިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޜޮން ކްލޯޑް ޖަންކާ ވިދާޅުވީ މިއީ ވިލާތާއި ކެނެޑާއާ ދެމެދު އޮތް ގުޅުމަށް ހުޅުވޭ އާ ސޮފްހާއެއް ކަމަށާއި، މިއީ އެޓްލާންޓިކް ކަނޑުގެ ދެފަރާތުން ބައި ބިލިޔަނަށް ވުރެ ގިނަ މީހުންނަށް ގިނަ ފުރުސަތުތަކެއް ލިއްބައިދޭނެ ކަމެއް ކަމަށެވެ.

ސީޓާ އެގްރިމެންޓުން، ކެނެޑާ އާއި ވިލާތުގެ އިއްތިހާދުގެ 28 ގައުމަކާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުން 99 ޕަސަންޓުގެ ޓެރިފާއި ޑިއުޓީ ކަނޑާލެވޭނެ އެވެ. އަދި ދެފަރާތުނެ ދެމެދުގައި ގާތްގަނޑަކަށް 12 ބިލިޔަން ޑޮލަރުގެ ވިޔަފާރި އިތުރަށް ކުރެވޭނެ ކަމަށް ވެސް ބެލެވެ އެވެ.

ވިލާތުގެ އިއްތިހާދުގެ 28 ގައުމުގެ ޖުމްލަ އާބާދީއަކީ 508 މިލިޔަން މީހުންނެވެ. އަދި ކެނެޑާގެ ޖުމްލަ އާބާދީއަކީ 36.3 މިލިޔަނެވެ.