31 Oct 2016, 10:09
އަންމާން (އޮކްޓޯބަރ 31): އުރުދުންގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ 'މުފްރަގް' ސަރައްދުގެ ބިމުން ދުންތަކެއް އަރަމުންދާތީ ތަޖްރިބާކާރުންގެ ޓީމަކުން އެކަން ބަލަން ފަށައިފި އެވެ.
އުރުދުންގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި 'މުފްރަގް' ސަރައްދުގެ ބިމުގެ އަޑިން ދުންއަރަނީ ވަރަށް ބޯކޮށެވެ. މިއީ ކޮންބާވަތެއްގެ ދުމެއްކަން ބެލުމަށް ލެބޯޓްރީ ތަހްގީގްތައް ކުރަމުންގެންދާ ކަމަށާއި ޖިއިލޮޖިސްޓުންގެ ޓީމަކުން އެސަރަހައްދުގެ ބައެއްތަންތަން ކޮނެގެން ސާމްޕަލްތައް ނަގަމުންދާކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އުރުދުންގެ މީޑިޔާ ބުނާ ގޮތުން ދުންއަރާތާ މިހާރު 14 ދުވަސްވެފައިވާއިރު ދުމުގެ ބޯމިން (ޑެންސިޓީ) އަށް ކުޑަވެސް ބަދަލެއް އަންނަކަން ފާހަގައެއް ނުކުރެވެ އެވެ. ދުންއަރަމުންދާ ސަރަހައްދަކީ އަލިފާން ފަރުބައެއްގެ އަސަރު ވެސް ނެތް ނަމަވެސް އޮއްގައު ގިނަ ހަނަފަސް ސަރަހައްދެކެވެ.
ދުން އަރަމުންދާ ސަބަބު ބެލުމަށް އުރުދުންގެ ސަރުކާރުން އެކަލަވާލާފައިވާ ފަންނީ ޓީމުގައި ޖިއޮލޮޖިސްޓުންގެ އިތުރުން ސިފައިންނާއި އެކިއެކި މައުދަންތަކާބެހޭ ތަޖްރިބާކާރުންނާއި ތިމާވެއްޓާބެހޭ ސައެންސްވެރިން ހިމެނެއެވެ. އެ ޓީމުން މިހާތަނަށް ކުރި ތަހްލީލްތަކާއި ޓެސްޓްތަކުން ދުންއަރާ ސަބަބާ އަދި އަރަނީ ކޮންބަވާތެއްގެ ދުމެއްކަން ހޯދިފައިނުވާ ކަމަށް އުރުދުންގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. (އުރުދުންގެ މީޑިޔާ)