ލުސާކާ : އެފްރިކާގެ ޤައުމުތަކުގައި ޗައިނާ ފުޅާކުރަމުން ގެންދާ އިޤްތިސާދީ ގުޅުންތަކާމެދު ކަންބޮޑުވާކަން އެމެރިކާ ހާމަކޮށްފިއެވެ.

އެފްރިކާގެ ފަސްޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ޒެންބިޔާގެ ވެރިރަށް ލުސާކާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ ޗައިނާއިން އެފްރިކާއަށް ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމުގައެވެ. އަދި ޗައިނާއިން އެެފްރިކާގެ ޤައުމުތަކާއެކު ފުޅާކުރަމުންގެންދާ އިޤްތިސާދީ ގުޅުންތަކާމެދު ހޭވަރި ވުމަށް އެފްރިކާގެ ޤައުމުތަކަށް ހިލަރީ އިންޒާރު ކުރެއްވިއެވެ.

އެފްރިކާގެ ޤައުމުތަކުގައި ޗައިނާ ކުރަމުން ގެންދާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އިޤްތިސާދީ އިންވެސްޓްމަންޓް ތަކާއި އެފްރިކާގެ ޤައުމުތަކުގެ ޒުވާނުން ސިނާޢީ މަސައްކަތަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެޤައުމުތަކުގައި ޗައިނާ ހިންގަމުން ގެންދާ ތަޢްލީމާއި ތަމްރީން ޕްރޮގްރާމް ތަކަކީ "ޒަމާނީ އިސްތިޢްމާރު" ކަމަށް ސިފަކުރައްވައި ހިލަރީ ވާހަކަ ދެއްކެވިއެވެ.


އެމެރިކާއިން އެފްރިކާގެ ޤައުމުތަކާއެކު ޢަސްކަރީ ގުޅުންތައް ބަދަހިކޮށް ހަތިޔާރު ސަޕްލައިކޮށްދީ އަދި އެފްރިކާގެ ބިންތައް ޢަސްކަރީ ކަންކަމަށް ބޭނުންކުރަމުން ގެންދާއިރު ޗައިނާ ގެންދަނީ އެފްރިކާގެ ޤައުމުތަކުގައި ފެކްޓަރީ ތަކާއި އިޤްތިސާދީ މުއައްސަސާތައް ބިނާކޮށް އެއަރޕޯޓްތަކާއި މަގުތަކާއި ބަނދަރުތައްފަދަ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ.
މީގެއިތުރުން އެފްރިކާގެ ޤައުމުތަކުގެ ޒުވާނުންނަަށް ތައްލީމާއި ތަމްރީނާއި ވަޒީފާގެ ފުރްސަތުތައް ހޯދައި ދިނުމަށްޓަކައި ޗައިނާއިން އެތަށް ސަތޭކަ މިލިޔަން ޑޮލަރެއް އިންވެސްޓް ކުރަމުން ގެންދެއެވެ.

މިގޮތުން 2009 ވަނަ އަހަރު އެކަނިވެސް ޗައިނާއިން އެފްރިކާގެ ޤައުމުތަކުގައި 10 ހާސް މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ތަރައްޤީގެ މަޝްރޫޢުތަކަށް އިންވެސްޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ރޮއިޓާސް