10:00


ނައިޖީރިއާގެ ރައީސް ޢުމަރު މޫސާ ޔާރުއަދުއާ، އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މިއަދާ، މާދަމާ، ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.


ރައީސް އޮފީހުން ބުނީ ނައިޖީރިއާގެ ރައީސް އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެޤައުމުގެ މިހާރުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފައިވާ ކަމަށެވެ.


ރައީސް ފޮނުއްވި މެސެޖްގައި، އެ ޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ނަޖީރިއާގެ އާ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ. އަދި ރައީސް ޔާރުއަދުއާ، އެމަނިކުފާނުގެ ހަޔާތްޕުޅު ހޭދަކުރައްވާފައިވަނީ ނައިޖީރީއާއަށް ފާގަތިކަމާއި ތަރައްޤީ ގެންނެވުމަށް ގެންގުޅުއްވި ފިކުރު ޙަޤީޤަތަކަށް ހެއްދެވުމުގައި ކަމަށާއި، އެހެންކަމުން، ރައީސް ޔާރުއަދުއާ އަވަހާރަވުމަކީ، ނައިޖީރިއާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ރައީސް ޢުމަރު މޫސާ ޔާރުއަދުއާ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު އެވެ.