31 Oct 2016, 08:44
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަން ބަލިކޮށް، ޗެލްސީން ގަދަ ހަތަރަކަށް ޖެހިލައިފި އެވެ.
ރަށުން ބޭރުގައި ރޭ ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހެމްޓަން ކޮޅަށް ކާމިޔާބުކުރި ލަނޑަށް ފަހު ޗެލްސީގެ ހަޒާޑް(ކ) އުފާފާޅުކުރަނީ: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 2-0 ލަނޑުން --- ފޮޓޯ: ގެޓީ
އެ ނަތީޖާއާ އެކު ތާވަލުގެ ހަތަރު ވަނަ އަށް ޗެލްސީ ޖެހިލާފައި ވަނީ ކުޅުނު ދިހަ މެޗުން ލިބުނު 22 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި، ދެ ވަނާގައި އޮތް އާސެނަލް އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައި ވަނީ 23 ޕޮއިންޓެވެ. ޗެލްސީގެ ފަހަތުން ތާވަލުގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ.
ސައުތުހެމްޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ޗެލްސީން ވަނީ ލީޑު ހޯދައިފަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ވިކްޓާ މޮސަސް ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ޗެލްސީ އަށް ލަނޑު ޖަހާނެ އިތުރު ދެ ފުރުސަތެއް ލިބިފައިވެ އެވެ. ހަޒާޑާއި ސްޕެއިން ފޯވަޑް ޑިއޭގޯ ކޮސްޓާގެ ހަމަލާތަކުގެ އަމާޒަކަށްވީ ސައުތުހެމްޓަންގެ ގޯލްކީޕަރު ފްރޭސާ ފޯސްޓާ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 2-0 ލަނޑުން --- ފޮޓޯ: ގެޓީ
މެޗުގެ ދެ ވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ޗެލްސީން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ހަޒާޑް ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮސްޓާ އެވެ. އެ ލަނޑާ އެކު މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ކޮސްޓާ ވަނީ ޖެހިލައިފަ އެވެ. އެ ލަނޑަކީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި އަށް ވަނަ ލަނޑެވެ.
އެ ލަނޑަށް ފަހު ވެސް ލީޑު އިތުރަށް ފުޅާކޮށްލުމަށް ޗެލްސީ އަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އޭގެ ތެރޭގައި ހަޒާޑަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. ސައުތުހެމްޓަން އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 76 ވަނަ މިނެޓުގައި ސްޓީވަން ޑޭވިސް އަށް ލިބުނު ފުރުސަތެވެ. އޭނާ ބޮލުން އުފެއްދި އެ ހަމަލާ އަމާޒުވީ ޗެލްސީ ގޯލުގެ ހުރަސް ދަނޑިއަށެވެ.