31 Oct 2016, 08:48
ދުނިޔޭގެ އެންމެ މަގްބޫލް ލަގްޒަރީ ހޮޓެލްތައް ފާހަގަކޮށް ދުނިޔޭގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް، ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ ލަގްޒަރީ ބީޗް ހޮޓެލްގެ އެވޯޑާއި ސަރަހައްދުގެ އެންމެ ލަގްޒަރީ ސްޕާ ހޮޓެލްގެ އެވޯޑް ރާއްޖޭގެ ސަން ސިޔާމް އިރުފުއްޓަށް ލިބިއްޖެ އެވެ.
މިކަން އިއުލާން ކޮށްފައިވަނީ، އިއްޔެ ގަތަރުގައި ހުންނަ ފަސް ތަރީގެ ސެއިންޓް ރެޖިސް ދޯހާގައި ބޭއްވި 10 ވަނަ ވޯލްޑް ލަގްޒަރީ އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގަ އެވެ.
އެ ދެ އެވޯޑާ ވެސް ސަން ސިޔާމް އިރުފުށީގެ ފަރާތުން ހަވާލުވެލެއްވީ، ސަން ސިޔާމް އިރުފުށި ރިސޯޓްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އެވްގީނިއާ ބޮޔަންކޮވާ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އާ ބެންޗުމާކުތަކެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ސަން ސިޔާމް އިރުފުއްޓަށް މި އަހަރުގެ ތެރޭގައި ނުވަ އެވޯޑަށް ވުރެ ގިނަ އެވޯޑް ވަނީ ލިބި، އެ ރިސޯޓް ވެފައި ވަނީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ރިސޯޓަށެވެ.

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ސަން ސިޔާމް އިރުފުއްޓަށް ލިބުނު ދެ އެވޯޑާ އެ ރިސޯޓުގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އެވްގީނިއާ ބޮޔަންކޮވާ ހަވާލުވެލައްވަނީ ----
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި، ދުނިޔޭގެ ސުޕާތަކުގެ އަގު ވަޒަންކޮށް ދޭ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއާ ކަނޑު ސަރަހައްދުގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑާއި ރާއްޖޭގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑް ވަނީ އެ ރިސޯޓަށް ލިބިފަ އެވެ.
މީގެ އިތުރުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓް އެންޑް ސުޕާ އެވޯޑުގައި 38 ގައުމަކާ ވާދަކޮށް ސަން ސިޔާމް އިރުފުއްޓަށް ވަނީ ދުނިޔޭގެ ފެންވަރުގެ އެވޯޑަކާއި ގައުމީ ފެންވަރުގެ އެވޯޑެއް ލިބިފަ އެވެ.
އެއީ އެ ރިސޯޓުގައި ހުންނަ ފްރެންޗް ރެސްޓޯރެންޓް، "ފްލޭވާސް" އަށް ލިބުނު "ބެސްޓް ފްރެންޗް ކުޒިން" އެވޯޑާއި ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމެ މަގްބޫލް ސްޕާ އަށްދޭ، "ބެސްޓް ލަގްޒަރީ ސްޕާ ރިސޯޓް އިން ދަ މޯލްޑިވްސް" އެވޯޑެވެ.
މެހެމާންދާރީގެ ފުރިހަމަކަމަށް ބަލާ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ގޮތުން މައުލޫމާތު ހިމެނޭ ވެބްސައިޓް "ޓްރިޕް އެޑްވައިޒާ" އިން ދޭ ސެޓްފިކޭޓް އޮފް އެކްސެލެކްސް ވެސް ލިބިފައިވާ ސަން ސިޔާމް އިރުފުއްޓަށް ވަނީ މިއަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގައި ވެސް ދެ އެވޯޑެއް ލިބިފަ އެވެ.
އެގޮތުން، އެ އެވޯޑުގައި އެ ރިސޯޓަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން ފެމެލީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގެ ލީޑިން ފެމެލީ ރިސޯޓުގެ އެވޯޑް ލިބިފަ އެވެ.
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްއަކީ 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ދެމުން އަންނަ އާއްމުންގެ ސީދާ ވޯޓުން ހޮވާ އެވޯޑެކެވެ.
އެގޮތުން މިއަހަރުގެ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުގައި ރާއްޖޭގެ ހަ ރިސޯޓަކަށް ހަ ދުނިޔޭގެ ފެންވަރުގެ ހަ އެވޯޑަކާއި ކޮންޓިނެންޓަލް ކެޓަގަރީގެ ދެ އެވޯޑެއްގެ އިތުރުނުް ސަރަހައްދީ ފެންވަރުގެ ހަތް އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފަ އެވެ.