މަގާމުގެ ނާޖާއިޒް ފައިދާ ނަގާފައިވާ ކަމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރީގެ ތުހުމަތުތަކެއްގައި އެލް ސަލްވަޑޯގެ ކުރީގެ ރައީސް ޓޯނީ ސަކާ ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ޕްރޮސިކިއުޓަރުން އިއްޔެ ބުނެފި އެވެ.

އެލް ސަލްވަޑޯގެ ކަނާތު ފިޔައިގެ ނެޝަނަލިސްޓް ރިޕަބްލިކަން އެލަޔަންސްގެ ފަރާތުން ރައީސް ކަމަށް 2004 ވަނަ އިންތިހާބުވެ ފަސް އަހަރުގެ ދައުރެއް އަދާކޮށްފައިވާ ސަކާ އަކީ ކުރީގެ ރޭޑިއޯ ސްޕޯޓްސް އެނައުންސަރެއްގެ ވަޒީފާ އަދާކުރި ބޭފުޅެކެވެ.

ސަކާ އާއެކު އޭނާގެ ވެރިކަމުގެ ހަ އޮފިޝަލުން ވެސް ވަނީ ހައްޔަރުކުކޮށްފައެވެ. ސަކާ އާއެކު ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރީ ސަކާގެ ދަރިއެއްގެ ކައިވެނި ހަފްލާ ތެރެއިންނެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި، ވެރިކަމުގައި ސަކާ ހުންނެވި ދުވަސްވަރު އޭނާއަށް ހަރުމުދަލުގެ ގޮތުގައި ލިބުނު 6.5 މިލިއަން ޑޮލަރުގެ ތެރެއިން ފަސް މިލިއަން ޑޮލަރު ލިބުނު ގޮތުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އޭގެ އިތުރުން ވެރިކަމާ ހަވާލުވި އިރު މިލްކިއްޔާތުގައި 3.6 މިލިއަން ރުފިޔާ ހުރި ކަމަށް ސަކާ ވިދާޅުވި ނަމަވެސް، ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު އޭނާގެ މިލްކިއްޔާތު 13.1 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވެސް ޕްރޮސިކިއުޓަރުން ބުނެފައިވެ އެވެ.

އަދި އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ފެންމަތިވެފައިވާ ހެކިތަކާއި ދަލީލުތަކުން ދައްކައެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި، ސަކާއާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އޭނާގެ ކުރީގެ ޕްރައިވެޓް ސެކްރެޓަރީގެ ޕްރައިވެޓް ބޭންކު އެކައުންޓުތަކުގައި 18.7 މިލިއަން ޑޮލަރު ހުރިއިރު، އެ ފައިސާ ހޯދި ގޮތުގެ ތަފްސީލެއް ކިޔައި ދެވިފައިނުވާ ކަމަށެވެ.

އަދި އެ ފައިސާއިން ސަކާގެ އިތުރުން ސަރުކާރުގެ އޮފިޝަލުންތަކަކަށާއި ސަކާގެ ޕާޓީއަށް 15 މިލިއަން ޑޮލަރުގެ ޗެކުތަކެއް ލިޔެފައިވާ ކަމަށް ވެސް ޕްރޮސިކިއުޓަރުން ވަނީ ތުހުމަތުކޮށްފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އެލް ސަލްވިޑޯގެ ކުރީގެ ރައީސް ހައްޔަރު ކޮށްފައިވާއިރު، އެގައުމުގެ މިހާރުގެ ރައީސް މައުރިސިއޯ ފޫންސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އެގައުމުގެ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.