އަންނަ މަހުގެ އެކަކުން ފެށިގެން މަސްވެރީންނަށް އެސްޓީއޯއިން ވިއްކާ ތެޔޮ އަގުހެޔޮ ކުރަން ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ނިންމައިފި އެވެ.

އެ ނިންމުން ހާމަކުރީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ އުފުލާ ފްލީޓަށް އިތުރުކުރި ތެޔޮ ބާޖުތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

ޝަހީރު ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ދަށަށް ބަދަލުކުރުމަކީ އާއްމުންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ނިންމި ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.

އެގޮތުން، މަސްވެރިންނަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށް، ތެލަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއްކަން އެމްޑީ ޝަހީރު ހާމައެއްނުކުރައްވައެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގިއިރު ގެނައި އެ ބަދަލާއެކު އޭރު 10.50 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރަކުން 3.2 ރުފިޔާ ހެޔޮކޮށް، 7.30 ރުފިޔާއަށް ވިއްކާފައެވެ.

އެސްޓީއޯއިން ތެޔޮ ރައްކާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުން އަވަސް ކުރުމަށް އެސްޓީއޯ އިން މިއަދު ރަސްމީކޮށް ހިދުމަތަށް ނެރުނު ތިން ބާޖަކީ މިހާރު އެކުންފުނިން ބޭނުންކުރާ ބާޖުތަކަށް ވުރެ ބޮޑެތި ބާޖުތަކެކެވެ.

އެފްއެސްއެމް އިން ބުނި ގޮތުގައި، ހަންދި، މީމަސް އަދި މާތޮޅީގެ ނަން ދީފައިވާ އެ ތިން ބާޖަކީ މީގެ ދެ އަހަރު ކުރިން އެކުލަވާލި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ގެނައި ތިން ބާޖެވެ.