12 Jun 2011, 08:01
އިސްލާމް އާބާދު : ޕާކިސްތާނުގެ ބިމުގައި އެމެރިކާ ސިފައިން ބައިތިއްބަން އެއްގޮތަކަށްވެސް ބޭނުންނުވާކަން ޕާކިސްތާނުން އެމެރިކާއަށް އަންގައިފިއެވެ.
ޕާކިސްތާނުން މިކަން އެންގީ މިހާރު އެޤައުމަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީ.އައި.އޭ.) ގެ ވެރިޔާ ލިޔޮން ބެނީޓާއާއެކު ޕާކިސްތާނުގެ ޢަސްކަރީ އިސްމަސްއޫލުވެރިން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.
ޕާކިސްތާނުގެ ޢަސްކަރީ ދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ޕާކިސްތާނުގެ ޢަސްކަރީ އިސްމަސްއޫލުވެރިން ބެނީޓާއަށް ދަންނަވާފައިވަނީ ޖާސޫސީ އަދި ލޮޖިސްޓިކް ކަންކަމުގައި އެމެރިކާގެ އެދުމުގެ މަތިން ޕާކިސްތާނުގައި މިހާރު ބައިތިއްބާފައިވާ އެެމެރިކާ ސިފައިންގެ ޢަދަދުވެސް މަދުކޮށްދިނުމަށެވެ.
އަދި އެމެރިކާގެ އިތުރު ސިފައިންނަށް ޕާކިސްތާން އެއްގޮތަކަށްވެސް މަރްޙަބާ ނުކިޔާ ކަމަށާ މިހާރު ބައިތިއްބާފައިވާ މަދުޢަދަދެއްގެ އެމެރިކާ ސިފައިންވެސް ވީއެންމެ އަވަހަކަށް ޕާކިސްތާނުން ބޭލުމަށް ބެނީޓާގެ އަރިހުން ޕާކިސްތާނުގެ ޢަސްކަރީ މަސްއޫލުވެރިން އެދިވަޑައިގަތް ކަމަަށް ޚަބަރުލިބެއެވެ.
ލިޔޮން ބެނީޓާއަކީ އެމެރިކާގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމަށް ރައީސް ބަރަކް އޮބާމާ ދާދިފަހުން ޢައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ. މިދިޔަ ހުކުރު ދުވަހު އިސްލާމް އާބާދަށް ވަޑައިގެންނެވި ބެނީޓާ މިއަދުގެ ވަގުތެއްގައި ޕާކިސްތާނުން ފުރާވަޑައިގަންނަވާނެއެވެ.
ބެނީޓާވަނީ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤު ކިޔާނީއާއި ޢަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް އަޙްމަދު ޝުޖާޢު ބާޝާ އާ ބައްދަލު ކުރައްވާފައެވެ. އެމެރިކާއާއެކު ޢަސްކަރީ ގުޅުންތައް ބަދަހި ކުރުމަކީ ޕާކިސްތާނުގެ ރައްޔިތުން ނުރުހޭކަމެއް ކަމަށް ވިދާޅުވެ އެމެރިކާއާ މާބޮޑަށް ގާތްވުމަކީ ޕާކިސްތާނުގެ ސިޔާސީ ލީޑަރުންގެ ސިޔާސީ މުސްތަޤްބަލަށް އޮތް ނުރައްކަލެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ޖީލާނީވަނީ ސިފަކުރައްވާފައެވެ.
އެމެރިކާއިން ޕާކިސްތާނުގެ ވަޒީރުސްތާނަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގައި ޕާކިސްތާނުގެ ކުށެއްނެތް ޢާންމުން ގިނަ ޢަދަދަކަށް މަރުވަމުންދާތީ ޕާކިސްތާނުގެ ރައްޔިތުންގެ ގިނަބަޔަކު އެމެރިކާއަށް ނަފްރަތު ކުރާކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުންވަނީ ހާމަވެފައެވެ.
މީގެއިތުރުން ޕާކިސްތާނުގެ ހުއްދައަކާނުލައި އެޤައުމުގެ އެތެރޭގައި އެމެރިކާ ހިންގަމުން ގެންދާ ޢަސްކަރީ ސިއްރު އޮޕަރޭޝަންތަކުގެ ސަބަބުން ޕާކިސްތާނުގެ ރަސްމީ ބައެއް ފަރާތްތަކުންވެސްވަނީ އެމެރިކާގެ ހަރުކަށި ސުލޫކުތަކާމެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފައެވެ. -- ރޮއިޓާސް