30 Oct 2016, 19:36
މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި، ސަރުކާރުގެ ޓޫރިޒަމް ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ރިކޯޑު މިންވަރެއްގެ ފައިދާ ކޮށްފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެމްޓީޑީސީއަށް ޖުމްލަ 96.5 މިލިޔަން ރުފިޔާ (ގާތްގަނޑަކަށް 6.4 މިލިޔަން ޑޮލަރު)ގެ ފައިދާ ވަނީ ކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މުޅި މާލީ އަހަރަށް ބަލާއިރުވެސް އެކުންފުންޏަށް ލިބުނު ފައިދާއަށް ވުރެ ބޮޑު އަދަދެކެވެ. މިދިޔަ އަހަރު ނިމުނު އިރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 6،075،668 ޑޮލަރެވެ. އެއީ 91.7 މިލިޔަން ރުފިޔާއެވެ. ދެހާސް ސާދަވަނަ އަހަރު އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި ލިބުނީ އެންމެ 13.6 މިލިޔަން ރުފިޔާއެވެ.
އެމްޓީޑީސީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1,094,785 ޑޮލަރެވެ. އަދި އެހެނިހެން ގޮތްގޮތުން 101,383 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، ކުންފުނީގެ މާލީ މުދަލެއް ދޫކޮށްލުމުގެ ސަބަބުން ބަދަލުގައި ލިބުނު ފައިދާ 4,671,694 ޑޮލަރަށް އަރައެވެ.
އެމްޓީޑީސީއަށް ރިކޯޑު މިންވަރަކަށް ފައިދާ ލިބިފައިވާ އިރު، އެކުންފުނިން ވަނީ އެކުންފުންޏަށް ފައިދާ ކުރަމުން ނުދާ ގިނަ މަޝްރޫއުތަކެއް ދޫކޮށްލައިފައެވެ.
އޭގެ ތެރޭގައި ބައެއް ރަށްރަށުގައި ފަށާފައި އޮތް ސިޓީ ހޮޓެލް ޕްރޮޖެކްޓްތައް ހިމެނެއެވެ. މީގެ އިތުރުން އެމްޓީޑީސީއަށް ސަރުކާރުން ރިސޯޓު ތަރައްގީކުރަން ދީފައިވާ ނ. އެކުޅިވަރުގެ އެގްރިމެންޓް، އެމްޓީޑީސީއަށް ފައިދާވާ ގޮތަށް ބާތިލުކޮށްފައިވާ އިރު، ދާދި ފަހުން ސަރުކާރުން ވަނީ، އެމްޓީޑީސީއަށް ރިސޯޓު ހަދަން ދީފައި އޮތް ހދ. ނާގޯށި ވެސް އެކުންފުނީގެ ދަށުން ވަކިކުރަން ނިންމާފައެވެ.
އެމްޓީޑީސީގެ ދަށުން މިހާރު ހިންގަމުންދަނީ ތިން ރިސޯޓެކެވެ. އެއީ ބ. އަތޮޅުގައި ހިންގާ އަނަންތާރާ ކިހަވަށް ހުރަވަޅިއާއި، ގދ. މަގުދުވާގައި ހިންގާ އަޔާދާ މޯލްޑިވްސްގެ އިތުރުން ޅ. އެނބޫދޫފުށި-އޮޅުވެލީގައި ހިންގާ ޕާ އެކުއަމް ނިޔާމަ ރިސޯޓެވެ.