30 Oct 2016, 20:39
އިސްލާމީ ތަގުރީރު ދެއްވުމުގައި ދުނިިޔޭގައި މަޝްހޫރު އިންޑިއާގެ ދީނީ އިލްމުވެރިޔާ، ޑރ. ޒާކިރު ނައިކްގެ ބައްޕާފުޅު، ޑރ. އަބްދުލްކަރީމް ނައިކް އަވަހާރަވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، ޒާކިރުގެ ބައްޕާފުޅު އަބްދުލްކަރީމް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން، ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ.
"ޒާކިރުގެ ބައްޕާފުޅަށް ހާޓް އެޓޭކެއް ޖެހިވަޑައިގެން އަވަހާރަވީ ރޭ ދަންވަރު 3:30 ގައި މަގްއަގޮންގައި ހުންނަ އަމިއްލަ ގޭގައި. އަބްދުލްކަރީމްގެ ހާލުކޮޅު ދެރަވަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. އޭނާ މިހާރުވަނީ އެ ސަރަހައްދުގެ ސަހަރާއެއްގައި ފަސްދާނުލާފައި،" ޒާކިރު ނައިކްގެ ގާތް ފަރާތަކުން ބުނެފައިވެ އެވެ.
މަހާރާޝްތުރާގެ އައްސޭރި ފަށުގައި އޮންނަ ސިޓީއަކަށް އުފަން އަބްދުލް ނައިކްއަކީ ފިޒީޝަނެއްގެ އިތުރުން ތައުލީމު އުނގަންނައިދިނުމުގައި އުޅުއްވި ބޭފުޅެކެވެ.
މިއަހަރުގެ ޖުލައި މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއަކަށް ވަދެ، 20 މީހަކު މަރާލި ދެމީހުންނަށް އެކަން ކުރުމަށް ހިތްވަރު ލިބުނީ ޒާކިރު ނައިކުގެ ފަރާތުން ކަމަށް ވާހަކަ ދެކެވެން ފެށުމުން އަމިއްލަފުޅަށް އަރުވާލެވިގެން ޒާކިރް ނައިކް އުޅުއްވަނީ ސައުދީ އަރަބިއާގައެވެ.
ޒާކިރުގެ ގާތް ފަރާތަކުން ބުނިގޮތުގައި، ބައްޕާފުޅުގެ ޖަނާޒާއަށް ނާދެވުނު ނަމަވެސް، ވަރަށް އަވަހަށް ބައްޕާފުޅަށް އިހްތިރާމް އަދާކުރެއްވުމަށް ޒާކިރު ނައިކް އެނބުރި ގައުމަށް ވަޑައިގަންނަވާނެއެވެ.
ޒާކިރް ނައިކްގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އޭނާގެ "ޕީސް ޓީވީ" ދެއްކުން މަނާކޮށްފައިވާއިރު، އަމިއްލަ އެންޖީއޯ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) އަކީ ގާނޫނާ ހިލާފު ޖަމްއިއްޔާއެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.