30 Oct 2016, 20:35
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އަށް މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނު އިރު 73.6 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެމްޓީސީސީއަށް ލިބުނު ޖުމްލަ ފައިދާއަކީ 87.5 މިލިޔަން ޑޮލަރެވެ.
އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ، އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓާރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ 14.5 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ބަލާއިރު، ކޮންމެ ކުއާޓަރެއްގައި ވެސް 29 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުން، ތިންވަނަ ކުއާޓަރުގެ ފައިދާތައް ދަށްވެފައިވާކަން ދައްކާފައިވަނީ، އެމްޓީސީސީގެ ޓްރާންސްޕޯޓް ސާވިސް ޑިޕާޓްމެންޓަށް ވަމުން ދިޔަ މާލީ ގެއްލުމަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެންނެވެ.
"އެހެން ނަމަވެސް މިކުންފުނިން ގަބޫލުކުރަނީ ސަރުކާރުގެ ސަބްސިޑީތަކާ ނުލައި، މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައި، މިއަހަރު މިކުންފުނިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމަށް،" އެމްޓީސީސީގެ މާލީ ބަޔާނުގައި ބުނެފައިވެއެވެ.
ހިސާބުތަކަށް ބަލާއިރު މި ކުއާޓަރުގައި ފައިދާ ދަށްވެފައިވަނީ ސޭލްސް ދަށްވެ، ސޭލްސްއަށް ކޮށްފައިވާ ޚަރަދު އިތުރުވުމުންނެވެ. އެމްޓީސީސީއިން ވިޔަފާރި ކޮށްގެން މި ކުއާޓަރުގައި 55 މިލިޔަން ރުފިޔާގެ ފައިދާ ހޯދި އިރު، ފުރަތަމަ ކުއާޓަރުގައި 71.3 މިލިޔަން، އަދި ދެވަނަ ކުއާޓަރުގައި 76.5 މިލިޔަން ރުފިޔާގެ ފައިދާ އެމްޓީސީސީއަށް ލިބިފައިވެއެވެ.
މީގެ އިތުރުން ކުންފުނި ހިންގައިގެން ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ. ފުރަތަމަ ކުއާޓަރުގައި 48 މިލިޔަން ރުފިޔާ، އަދި ދެވަނަ ކުއާޓަރުގައި 42 މިލިޔަން ޑޮލަރު ލިބުނު ނަމަވެސް ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އޮޕަރޭޓިންގް ޕްރޮފިޓަކަށް ލިބިފައިވަނީ 25.3 މިލިޔަން ރުފިޔާއެވެ.