30 Oct 2016, 19:57
އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދުމަށް ކުޅުނު ޕްލޭއޮފްގެ ފަހު މެޗު 3-1ގެ ނަތީޖާ އަކުން (7-1ގެ އެގްރިގޭޓް ނަތީޖާ އަކުން) ކްލަބް ޒެފްރޯލްގެ މައްޗަށް ކުރިހޯދައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 10 ވަނަ މިނެޓްގައި ވިކްޓަރީއަށް ލީޑް ނަގައިދިނީ މުހައްމަދު ރިޝަވާނެވެ.
ދެޓީމުގެ ފަރާތުން ވެސް ދާދިއެއްވަރެއްގެ ކުޅުމެއް ފެނިގެންދިޔަ މެޗުގެ 31 ވަނަ މިނެޓްގައި ޒެފްރޯލަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެތެރެއަށް ވައްދާލައިގެން ބިދޭސީ ފޯވާޑް ޖަންޖުސް މިލޮރޯޑްއެވެ. ޒެފްރޯލަށް ޕެނަލްޓީ ލިބުނީ ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޒެފްރޯލްގެ ކުޅުންތެރިއެއް ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ރިލްވާން ވަހީދު (ރިލޭ) އަތުން ބޯޅަ މަތަކުރުމުންނެވެ. އެއާއެކު ރެފްރީވަނީ ރިލޭއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެއްކުޅުން ތެރިއަކު މަދުކޮށް ވިކްޓަރީއިން ކުޅެމުން ދިޔަ ނަމަވެސް ޒެފްރޯލަށް ވަނީ އެޓީމްގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިކްޓަރީއަށް ދެވަނަ ފަހަރަށް ލީޑް ލިބުނީ 40 ވަނަ މިނެޓްގައި އަހުމަދު ރިޒްވާން އިސްމާއިލް ކާމިޔާބްކޮށްދިން ގޯލުންނެވެ. ވިކްޓަރީގެ ފަހު ގޯލު 82 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބް ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮމަޑޫ ގޮޑްފުރޭ ވެސްޓްއެވެ.
އެ މޮޅާ އެކު ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ކާމިޔާބު އެއް ކްލަބުކަމަށްވާ ވިކްޓަރީން އެއްވަނަ ޑިވިޝަނުގެ ޖާގަ ދިފާއުކުރިއިރު އަންނަ އަހަރުގެ ސީޒަނަށް އެޓީމް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިސީޒަނުގެ މެދުތެރޭން ޓީމަށް ގެނައި ހަންގޭރީގެ ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުން އިތުރު ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދުގެ މެޗުން ބަލިވި ޒެފްރޯލަށް އަންނަ އަހަރު ވެސް ޖެހޭނީ ދެވަނަ ޑިވިޝަނުގައި ވާދަކުރާށެވެ.