30 Oct 2016, 20:25
ވިލާ ކޮލެޖުގެ ސްކޮލާޝިޕް ސްކީމުގެ ދަށުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލަޖުން ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެކުއްޖަކު އިހްތިޔާރުކުރާ ދާއިރާއަކުން ހިލޭ ކިޔެވުމަށް ހުޅުވާލާ 12 ސްކޮލާޝިޕް ފުރުސަތުތައް ހަތަރު ދާއިރާއަކުންދެ އެވެ.
އެގޮތުން ވިލާ ކޮލެޖުގެ ބޮޑެތި ކެމްޕަސްތައް ހުރި ދާއިރާތަކަށް އަމާޒުކޮށްގެން ދެމުން އަންނަ ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލާޝިޕްގެ ދަށުން އަންނަ އަހަރަށް ހަ ސްކޮލާޝިޕާއި ވިލާ ކޮލެޖުގެ އޯޕަން ސްކޮލާޝިޕްގެ ދަށުން ޖުމްލަ ތިން ސްކޮލާޝިޕް ފުރުސަތެއް ވަނީ އަންނަ އަހަރުގެ ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވާލާފައެވެ.
ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސް ފެންވަރުން ކޮންމެ ލެވެލްއަކުން ވެސް އެއް ސްކޮލޮޝިޕް ފުރުސަތު ހުޅުވާލާފައިވާ ވިލާ ކޮލެޖުގެ އޯޕަން ސްކޮލާޝިޕްތަކަށް ކުދިން ހޮވުމުގައި ބަލާނީ ކުރިމަތިލާ ދަރިވަރުން މީގެ ކުރިން ކިޔެވުމުގައި ހޯދާފައިވާ ނަތީޖާ އަށެވެ.
މީގެ އިތުރުން، ކޮންމެ އަހަރަކު ވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީ ހެދުމަށް ދޭ ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލާޝިޕް ފުރުސަތަށް ވެސް ކުރިމަތިލުމަށް އެކޮލެޖުން ވަނީ ހުޅުވާލާފައެވެ.
އެ ސްކޮލާޝިޕަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭލެވެލް ނިންމާފައިވާ ކޮންމެ ކުއްޖަކަށް ކުރިމަތިލެވޭއިރު، ދަރިވަރުން ހޮވުމުގައި އޭލެވެލް އިމްތިހާނުގައި ހޯދާފައިވާ ނަތީޖާއަށް ބަލާނެ އެވެ.
އަންނަ އަހަރަށް ވިލާ ކޮލެޖުގެ އެލަމްނައި ސްކޮލާޝިޕްގެ ދަށުން ހުޅުވާލާފައިވަނީ ދެ ފުރުސަތެވެ. އެއީ މާސްޓަސް ފެންވަރަށް ކިޔެވުމުގެ ފުރުސަތާއި ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތެކެވެ.
ވިލާ ކޮލެޖުން ކިޔެވުން ނިންމި އެ ކޮލެޖުގެ މުސްކުޅި ދަރިވަރުންނަށް އަމާޒުކޮށްގެންދޭ އެ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކުރިމަތި ލައިފައިވާ ދަރިވަރުން އެ ދަރިވަރުން ކުރިން ކިޔެވި ކޯސްތަކުގައި ހޯދާފައިވާ ނަތީޖާއަށެވެ.
ސްކޮލާޝިޕް ތަކާބެހޭ މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، އަންނަ އަހަރަށް ޖުމްލަ 12 ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތުދޭއިރު، އެ ސްކޮލާޝިޕް ސްކީމަށް ވިލާ ކޮލެޖުން އަހަރަކު ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާ ކަމަށެވެ.