30 Oct 2016, 18:04
މާފަންނު ޓްރެކް ދަނޑު ސަރަހައްދުގައި އޮންނަމާފަތްތަކުރުފާނު މަގު، ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ މަގަކަށް ހަދަން ނިންމާފައިވާ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
މާފަތްތަކުރުފާނު މަގަށް މިހާރު ވަދެވެނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުންނެވެ.
ޓްރާންސްޕޯޓް އޮތޯރިތީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ، މާދަމައިން ފެށިގެން ބޮޑުތަކުރުފާނު މަގުންނާއި އަމީނީމަގުން ވެސް މާފަތްތަކުރުފާނު މަގަށް ދުއްވާ އެއްޗެއްސަށް ވަދެ ނުކުމެވޭނެ ކަމަށެވެ.
ނާފިޒް ވިދާޅުވި ގޮތުގައި، އެގޮތަށް ހަމަޖައްސަން ނިންމެވީ، އެ ސަރަހައްދުގެ އެކި މަގުތައް ބަންދުކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދުއްވާ އެއްޗެހި ތޮއްޖެހި އާއްމުންނަށް ދަތިތަކާ ކުރިމަތިވާތީ އެވެ.
ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި މާދަމައިން ފެށިގެން މާފަތްތަކުރުފާނު މަގު ހަމަޖައްސާއިރު، އެ މަގުގައި ކުރިން ޕާކު ކޮށްފައި ހުރި އެއްގަމު އުޅަނދުތައް ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ނަގާފައެވެ. އަދި އެމަގަކީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި އާއްމުންނަށް އެނގޭނެ ގޮތަށް، ނިޝާންތައް ހަރުކުރާނެ އެވެ.
ހުޅުމާލެއަށް މިހާރު ބަދަލުކުރަން ނިންމާފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އެޅުމަށް ކުރީން ހަމަޖެހިފައިވާ ސައިޓުގެ މަސައްކަތަށާއި، އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކެއް ކުރުމަށް އަމީނީމަގުން ވަދެ ނުކުމެވޭ ގޮތަށް ހުރި ބައެއް މަގުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
އަދި އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރުމަށް މޭރީބްރައުން ރެސްޓޯރަންޓުން ފެށިގެން ދެކުނަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައެއްވެސް ވަނީ ބަންދުކޮށްފައެވެ.
ނާފިޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ އިމާރާތަށް ބަންދުކޮށްފައި ހުރި މަގުތައް ހުޅުވުމުން، އަލުން މާފަތްތަކުރުފާނު މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރާނެ ކަމަށެވެ.