30 Oct 2016, 17:52
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފެށީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ ޑިޕާޗަރ ހޯލްޑިންގް އޭރިއާއާއި އެތަނުގެ ކެޕޭސިޓީ ބޮޑުކުރުމަށްފަހު، އެ ޑިޕާޗަރ އޭރިއާ މިއަދު ހުޅުވުމާ އެކުއެވެ.
ޑޮމެސްޓިކް ޑިޕާޗަރ އޭރިއާ ބޮޑުކުރުމަށްފަހު، މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަގުބޮޑު، ބިޔަ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި އާ އިންޓަނޭޝަނަލް ޓާމިނަލަކާއި، ދެވަނަ ރަންވޭއެއްގެ އިތުރުން ފިއުލް ފާމަކާއި އެހެނިހެން ތަރައްގީވެސް ގެނައުމަށް ރާވާފައިވާ އިރު، އެ މަޝްރޫއުގެ ދަށުން އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޑިޕާޗަރ ހޯލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ޖާގަ ބޮޑުކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވި ޑޮމެސްޓިކް ޓާމިނަލްގެ ޑިޕާޗަރ އޭރިއާގައި މީގެ ކުރިން ޖާގަ އޮންނަނީ 90 ވަރަކަށް މީހުންނަށެވެ. ނަމަވެސް މިހާރު އެތަނުގައި އިތުރު 70 މީހުންނަށް ޖާގަ އޮންނާނެއެވެ.
މީގެ އިތުރުން ޑިޕާޗަރ ހޯލްޑިންގް އޭރިއާގެ ބޭރުގައި 50 ވަރަކަށް ގޮނޑި ޖަހާފައިވެއެވެ. އަދި ފަސިންޖަރުން ސެކިއުރިޓީ ސްކްރީން ކުރުން، ޖާގަ ތަނަވަސް ސަރަހައްދަކަށް ބަދަލުކޮށް، ދެ މެޝިން ބޭނުންކޮށްގެން އެކަން ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ސެކިއުރިޓީ ސްކްރީނިންގް އޭރިއާ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މި ބަދަލު ގެނައުމަށް ޖާގަ ހޯދީ، ޑޮމެސްޓިކް ޓާމިނަލްގެ ގްރައުންޑް ފްލޯގައި ހުންނަ، ގައުމީ އެއާލައިން މޯލްޑިވިއަންގެ ލައުންޖް، އެ ޓާމިނަލްގެ ފުރަތަމަ ބުރިއަށް ބަދަލުކޮށްގެންނެވެ.
އެމްއޭސީއެލްގެ މެނޭޖިިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، އެއާޕޯޓުގައި ހިންގާ މައިގަނޑު މަޝްރޫޢުތައް ކުރިޔަށް ދިޔަ ނަމަވެސް އެއާޕޯޓުގެ ޚިދުމަތްތަކަށް އެކަމުގެ ބުރޫ ނާރާނެއެވެ. އަދި އެއާޕޯޓުން މިހާރުވެސް ދެމުންދާ ޚިދުމަތްތައް ރަނގަޅު ދުވެއްޔެއްގައި ތަރައްގީކުރަން މަސައްކަތް ކުރާނެ ކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ، ރާއްޖޭގައި އިތުރު އެއާޕޯޓުތަކާއި ރިސޯޓުތައް ހުޅުވަމުން ދާ ވަރަކަށް ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ މޫވްމެންޓްވެސް ދަނީ އިތުރުވަމުން ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
"މިތަންތަނަށް ކޭޓަރ ކޮށްދޭން އޮތީ މި ޓާމިނަލް އެކަނި. އެހެންވެ މިތަނަށް އިމްޕްރޫވްމެންޓް ގެންނަން މަޖުބޫރު ވެސް އެބަ ވޭ،"
އޭނާ އިތުރަށް ވިދާޅުވީ އައިއެންއައިއޭގައި އަޅާ އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާ ނިމުމުން، މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ދަތުރުފަތުރުގެ ޓާމިނަލަށް ކަމަށެވެ.
"އިންޓަނޭޝަނަލް ޓާމިނަލް ހަދާ ނިމުމުން މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލް ބަދަލުވާނީ ޑޮމެސްޓިކް ޓާމިނަލަކަށް. އޭރުން ވަރަށް ތަނަވަސް، ވަރަށް ފުރިހަމަ ޓާމިނަލެއް ލިބޭނެ ޑޮމެސްޓިކްއަށް ޚިދުމަތް ދޭން،" އޭނާ ވިދާޅުވިއެވެ.