11 Jun 2011, 21:00
އދ. މާމިގިލީގައި ވިލާ ކުންފުނިން ހަދާ އެއާޕޯޓުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެއާޕޯޓުގައި ކޮމާޝަލް އޮޕަރޭޝަންތައް ފަށާނެ ކަމަށް ވިލާ އިން މިއަދު އިއުލާންކޮށްފި އެވެ.
މާމިގިލި އެއާޕޯޓް އޮޕަރޭޓްކުރާ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑް އިން މިއަދު ނެރުނު ބަޔާނުގައި ބުނަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ފަރާތަކުން ހެދި އެ އެއާޕޯޓުގައި ހުރިހާ މަސައްކަތްތަކެއް މިއަދު ނިންމާލި އިރު، އެއާޕޯޓުގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެގޮތުން އިންޑަސްޓްރީގައި ފާހަގަށްލެވޭ ފެންވަރުގެ މޮޅު ލައިޓިން ސިސްޓަމަކާ އެކު 1800 މީޓަރުގެ ރަންވޭ ހަދައި ވަނީ ނިމިފަ އެވެ. އަދި ޓެކްސީވޭ އާ އެކު މަތިންދާ ބޯޓުތައް ޕާކު ކުރާ ސަރަހައްދާއި ހެންގަރާއި ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތް ވެސް އެއްކޮށް ވަނީ ނިންމާލައިފަ އެވެ. ހަމައެއާ އެކު، ޑިޕާޗާ އަދި އެރައިވަލް ޓާމިނަލާއި ވީއައިޕީ ލޯންޖުގެ އިތުރުން އަލިފާން ނިވާ ނިޒާމްގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފަ އެވެ.
އެ ބަޔާނުގައި ބުނަނީ، ރަންވޭގައި ގާއިމްކޮށްފައިވާ ލައިޓިން ސިސްޓަމަކީ ލައިޓް އެމިޓިން ޑަޔޯޑް ]އެލްއީޑީ[ ޓެކްނޮލޮޖީ ބޭނުންކުރާ ނުވަތަ މަދު ހަކަތަ ބޭނުންކުރާ ސިސްޓަމެއް ކަމަށާއި މިއީ އެލްއީޑީ ލައިޓިން ސިސްޓަމެއް ސްޓްރީޓް ލައިޓިން އަށް ބޭނުންކުރާ ފުރަތަމަ ފަހަރު ކަމަށެވެ.
ވިލާގެ ޗެއާމަން ގާސިމް އިބްރާހިމާ ހަވާލާދީ ވިލާ އެއާއިން ބުނި ގޮތުގައި އެލްއީޑީ ލައިޓިން ބޭނުންކުރުމުން އެއާޕޯޓްގެ ހަރަދުތައް ކުޑަވުމުގެ އިތުރަށް، ވިހަގޭހެއް ކަމަށްވާ ކާބަންމޮނޮކްސައިޑް ޖައްވަށް ބޭރުކުރެވޭ ގޮތް މަދުވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެހީވެވޭނެ އެވެ. ނަމަވެސް، އެއީ ހަމައެކަނި ފުރަތަމަ ފިޔަވަޅު ކަމަށާއި އެއާޕޯޓު ހިންގުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ގަސްތުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
ވިލާ އެއާގެ ކޮމާޝަލް މެނޭޖާ ސޮބާހު ރަޝީދު މިރޭ ވިދާޅުވީ، މާމިގިލި އެއާޕޯޓުގެ ހުރިހާ ވަސީލަތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ނިންމާލުމަށް ފަހު މިހާރު ކުރަމުންދަނީ އެއާޕޯޓުގައި މަތިންދާބޯޓު ޖެއްސުމަށް އެއިރޯޑްރޮމް އޮޕަރޭޓިން ލައިސެންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.
"އެއާޕޯޓެއް ގޮތުގައި މާމިގިލި އެއާޕޯޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް މިހާރު ނިމުނީ. ދެން އެ ވަސީލަތްތައް ގާއިމްކޮށް ނިމުމަށް ފަހު ދެން އޮންނާނީ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓް އިން އެތަނުގައި ހުރި ބައެއް ހިންގަންވާ ޕްރޮސީޖާތަކާއި މެނުއަލްތަކާއި އަދި ދެންވެސް އެހެނިހެން ކަންތައްތައް ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ޗެކުކުރުމަށް ފަހު، ދޫކުރައްވަން ޖެހޭ ލައިސެންސް ދޫކުރުމުގެ ބައި،" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ލައިސަންސް ލިބުނުހާ އަވަހަކަށް އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފަށާނެ ކަމަށެވެ.
"ފްލައި މީ" ބްރޭންޑްގެ ދަށުން އޮޕަރޭޓްކުރުމަށް ވިލާ އެއާ އިން ގެނެސްފައިވާ އެކުންފުނީގެ އަމިއްލަ އެއާލައިން ވިލާ އެއާގެ ފުރަތަމަ މަތިންދާބޯޓު މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ވަނީ މާމިގިއްޔަށް ގެންގޮސްފަ އެވެ. ސާޅީސް ހަ މީހުންގެ ޖާގައިގެ އެ މަތިންދާބޯޓު އޮޕަރޭޓްކުރުމަށް ބޭނުންވާ އެއާ އޮޕަރޭޓާސް ސެޓްފިކެޓް ހޯދަން ވެސް އެކުންފުނިން ވަނީ ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓަށް ހުށަހަޅައިފަ އެވެ.
ވިލާ ގްރޫޕާއި ފްލައި މީ ސާވިސް ގުޅިގެން އުފައްދާފައިވާ ވިލާ އޭއާ އިން ބުނީ، މިހާރުވެސް ތަމްރީނުކޮށްފައިވާ 81 މީހުން އެކުންފުނީގައި މަސައްކަތްކުރަމުންދާ ކަމަށާއި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ އެ އަދަދު ގާތްގަނޑަކަށް 120 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭގެ ތެރެއިން 99 ޕަސަންޓު މީހުންނަކީ ދިވެހިން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.