ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މެމްބަރުން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނެންގެވުމާއެކު އެޕާޓީން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

ޖަނަވަރީ މަގުގައި ހުންނަ ޕީޕީއެމް ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، މިރެއިން ފެށިގެން ކޮންމެ ރެއަކު 8 ން 11 ށް އަދި ދުވާލު 2 ން ހަވީރު 6 ށް އެ އޮފީހުން ޕީޕީއެމްއަށް ވަނުމަށް ފޯމް ފުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ އޮފީސް މެދުވެރިކޮށް ފޯމް ފުރާ ހުރިހާ ފަރާތެއް ޕީޕީއެމްގެ ދަފްތަރުގައި ހިމެނޭނެކަމުގެ ޔަގީންކަން މުއާޒު ދެއްވިއެވެ.

މުއާޒު ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންނަށްވެސް އެކެމްޕޭން އޮފީސް މެދުވެރިކޮށް އެހީތެރިވާނެ ކަމަށެވެ.

ފިންގާޕްރިންޓް ނުޖެހި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީން ވަކިވުމުން މިހާރު އެންމެ މީހުން ގިނަ ޕާޓީއަކީ ޕީޕީއެމްއެވެ.

މިދަނޑިވަޅަކީ ރައީސް ޔާމީނާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެމެދު ހިޔާލުތަފާތުވުންތަކެއް ހިނގައި ޕީޕީއެމް ދެބައިވެފައިވާ ދަނޑިވަޅެކެވެ.