ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުއްވި އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ޠާރިގް (ޓޮމް) އާއި ބައްސާމް އަދީލް ޖަލީލްގެ ކެނޑިޑަސީ އެފްއޭއެމް އިލެކްޓޯރިއަލް ކޮމިޓީން ބަލައިގެންފި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ޓޮމް އާއި ބައްސާމްގެ ނަން އެފްއޭއެމް އިލެކްޓޯރިއަލް ކޮމިޓީން ބަލައިގެންފައިވާ އިރު، އެ ދެ ބޭފުޅުންގެ އެކްސްކޯގައި ހިމެނޭ މެންބަރުންގެ ނަންތައް ވެސް ރަސްމީކޮށް އާންމުކޮށްފައިވެ އެވެ.

އެފްއޭއެމްގެ ރައީސްކަން އެންމެ ފަހުން ފުރުއްވާފައިވާ ޓޮމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ހުށަހަޅުއްވާފައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސެން ޝާފިއު (ކޮކީ) އެވެ. ވައިސް ޕްރެޒިޑެންޓަކަށް ހުށަހަޅާފައި ވަނީ އީގަލްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމެވެ.

ޓޮމްގެ އަމިއްލަ ރަށް މަހިބަދޫއަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބާއި މާޒިޔާ އަށް ވަނީ އެކްސްކޯއިން ދެ ޖާގަ ދީފަ އެވެ. ސީނިއާ ވައިސް ޕްރެޒިޑެންޓް ކޮކީގެ އިތުރުން ދެން މާޒިޔާގެ ފަރާތުން އެކްސްކޯ އަށް ހުށަހަޅާފައި ވަނީ މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބް (ވައްކޭ) އެވެ. މަހިބަދޫގެ ފަރާތުން އެކްސްކޯ އަށް ހުށަހެޅި ދެ މެމްބަރުންނަކީ އެ ޓީމުގެ މެނޭޖަރު އަހުމަދު އަނީސާއި އަންހެން މެމްބަރެއްގެ ގޮތުގައި ހުށަހެޅި އައިޝަތު ރޮޒާ އެވެ.

ޓޮމްގެ އެކްސްކޯ އަށް ދެން ހުށަހެޅި އަނެއް ތިން ބޭފުޅުންނަކީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބޯޑް މެމްބަރު އިބްރާހިމް ނަޒީމާއި ޖޭޖޭ ސްޕޯޓްސްގެ ރައީސް އިބްރާހިމް ސުޖާއު އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޕްރެޒިޑެންޓް އިސްމާއިލް ޒިޔާމެވެ.

ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ހުށަހަޅުއްވާފައި ވަނީ ފަރެސް ރައްޔިތުންގެ މަޖިލީހުގެ މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފެވެ. ވައިސް ޕްރެޒިޑެންޓަކަށް ހުށަހަޅާފައި ވަނީ ކުރިން ޓޮމްގެ އެކްސްކޯގައި ވެސް ހިމެނުނު ކުރީގެ ވޮލީ އަދި ބާސްކެޓްބޯލް ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

މެމްބަރުންގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އެފްއޭއެމްގެ އިންތިހާބެއް ބާއްވަން މަޖުބޫރުވީ އެ އިދާރާގެ ރައީސް ކަމަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންތިހާބުކުރި ޓޮމް އެ މަގާމަށް ހޮވުނުތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ވީތަނާ އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އެކްސްކޯއިން އިސްތިއުފާދިނުމާ ގުޅިގެންނެވެ.