މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިންޓަލިޖެންސްއަށް ލިބޭ މައުލޫމާތަށް ބިނާ ކޮށް، ދައްކަން ޖެހޭ ޓެކްސްގެ މިންވަރު ކަނޑައެޅޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ ގަވާއިދުގެ 9 ،10 ،11 ،18 އަދި 23 ވަނަ މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ. އަދި ކުރީގެ ގަވާއިދުގެ 12 ވަނަ މާއްދާ ވަނީ އާ ގަވާއިދުން އުނިކޮށްފަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރާގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާ އިން ބަލާނީ ޓެކްސް ދައްކާ ފަރާތުން ދޭ މައުލޫމާތާއި އެ ފަރާތަކުން ކުރިން ދައްކާފައިވާ ޓެކުހުގެ އަދަދަށް ބަލައިގެންނެވެ.

ނަމަވެސް ގަވާއިދަށް ގެނެސްފައިވާ ބަދަލާ އެކު މީރާއަށް ވަނީ މީރާގެ އިންޓެލިޖެންސް އަށް ލިބޭ މައުލޫމާތުތަކާއި ދައުލަތުގެ އެހެން އިދާރާތަކުން ލިބޭ މައުލޫމާތުތަކަށް ބަލައިގެން ޓެކުހަށް ދައްކަން ޖެހޭ ވަރު ކަނޑައެޅޭ ބާރު ލިބިފަ އެވެ.

ޓެކުސް ނެގުމާ ބެހޭ އިދާރީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އަށް އިތުރުކޮށްފައިވާ ދެ އަކުރުގައި ބުނެފައި ވަނީ މީރާގެ އިންޓެލިޖެންސް އަށް ނުވަތަ ދައުލަތުގެ އެހެން އިދާރާތަކުން ލިބޭ މައުލޫމާތާއި ޓެކްސް ދައްކާ އެހެން ފަރާތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިއުންތަކުގައި ހިމެނޭ އޮޑިޓް ކުރި ފަރާތާ ބެހޭ މައުލޫމާތު ވެސް، ދައްކަން ޖެހޭ ޓެކްސް ކަނޑައެޅުމުގައި މީރާއަށް ބެލޭނެ ކަމަށެވެ.

މީގެ އިތުރުން ގަވާއިދަށް އައިސްފައިވާ ބަދަލާ އެކު އިލެކްޓްރޯނިކް ކޮށް މީރާ އަށް މައުލޫމާތު ފޮނުވުމުގައި ފެކްސް ކުރެވޭ ގޮތަށް އޮތް އޮތުން ވަނީ އުވާލާފަ އެވެ. އަދި ޓެކްސް ބަޔާންތަކާއި އޭގެ ލިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހަޅައިފި ނަމަ ބަލައިނުގަންނަ ގޮތަށް ވެސް ވަނީ އިސްލާހުކޮށްފަ އެވެ.

އިސްލާހު ގެނައުމަށް ފަހު މި ގަވާއިދު ގެޒެޓުކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އިސްލާހުތައް ބަޔާންކޮށްފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށެވެ.