30 Oct 2016, 15:41
ލޯބިވެރިޔާއާ ދެމެދު އުފެދުނު ދެބަސްވުމެއްގައި ލޯބިވެރިޔާގެ ގަޔަށް ވަޅި ހެރި ފިރިހެނަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ހުކުމް ކޮށްފައި ވަނީ މއ. ގަޖުރާގޭ އުމުރުން 33 އަހަރުގެ އިސްމާއީލް ޖަލީލުގެ މައްޗަށެވެ.
އޭނާގެ ލޯބިވެރިޔާގެ އުމުރަކީ 19 އަހަރެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މއ. ގަޖުރާގޭ ކައިރީ ހުރި "ޗިލްޑްރަންސް ޗޮއިސް" ފިހާރަތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި އިސްމާއީލް ޖަލީލު އޭނާގެ ލޯބިވެރިޔާގެ ބުރަކައްޓަށާއި އަތަށާއި ފައިގެ ފަލަމަސް ގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށެވެ.
އިސްމާއީލް ޖަލީލު ވަނީ އެ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
ހުކުމުގައި ބުނެފައި ވަނީ އުމުރުން 19 އަހަރުގެ އެ އަންހެން މީހާގެ ބުރަކަށްޓަށް ކަޓަރަކުން ހަމަލާދީ ނުވަ އިންޗިއެއްހާ ތަނަށް ކަފާލާފައިވާ ކަމަށެވެ. އަދި ފަލަމަސްގަނޑަށް ވެސް ކަޓަރުން ހަމަލާދީފައިވާ ކަމަށް ހުކުމްގައިވެ އެވެ.
އެ ހުކުމް އިއްވާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.