މާލޭގައި ދުއްވާ ޓެކްސީތައް ޤަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެންނެވެ.

މިއަދު ހެނދުނު ފެށި އެ އޮޕަރޭޝަންގެ ދަށުން މާލޭގައި ދުއްވާ ހުރިހާ ޓެކްސީތައް ބަލައިފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޓެކްސީތަކުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ވަސީލަތްތައް ޤާއިމްކޮށްފައި ހުރިތޯ އާއި އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ހަމަޖެހިފައިވެ އެވެ.

ފުލުހުން ބުނީ ބަލައި ފާސްކުރުމުގައި ގެންގުޅޭ މިންގަނޑަށް ނުފެތޭ އުޅަނދުތައް އެ މިންގަނޑަށް ގެނައުމަށް 24 ގަޑިއިރުގެ މުހުލަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި އިސްލާޙު ކުރަންޖެހޭ ކަންކަން އިސްލާޙް ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ އޮޕަރޭޝަން ކުރިއަށް ދާނީ މާލޭގެ އިތުރުން، ވިލިނގިއްޔާއި ހުޅުމާލޭގައި އެވެ.