30 Oct 2016, 15:32

ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ރިސޯޓު އޮޕަރޭޓާ ސޮނޭވާ ރިސޯޓްސް އެންޑް ރެޒިޑެންސީޒް އިން ނ. އަތޮޅުގައި ތަރައްގީ ކުރި ރިސޯޓު ހުޅުވައިފިއެވެ.
ސޮނޭވާ ޖާނީގެ ނަމުގައި ހުޅުވި އެ ރިސޯޓުގައި ކަނޑު އުޅަނދުގައި ދަތުރުކޮށްގެން ދެވޭ 24 މޫދު ކޮޓަރި އާއި އެއް ކޮޓަރީގެ 20 ވިލާ އާއި، ތިން ކޮޓަރީގެ 13 ބީޗު ވިލާ ހިމެނެ އެވެ. އެ ރިސޯޓުގައި ޖުމްލަ 57 ވިލާ ހުރެއެވެ.
އެ 57 ވިލާތަކުގެ ތެރެއިން ތިންބައި ކުޅަ އެއްބައި ވިލާއަކީ އަގު ދައްކައިގެން މިލްކު ކުރެވޭ ވިލާތަކެކެވެ.

ސޮނޭވާ ޖާނީ --
ސޮނޭވާ ޖާނީގެ ވިލާތައް ތަރައްގީ ކޮށްފައިވާ ނ. މެދުފަރުގެ ވަށައިގެން ހަތަރު ފަޅު ރަށް އޮވެ އެވެ. މި ރަށްތައް އޮންނަނީ ފަސް ކިލޯމީޓަރުގެ ވިލެއްގަ އެވެ. އަލަށް ހުޅުވި އެ ރިސޯޓުގެ ޕްރައިވެޓް ބީޗު ވިލާތައް ތަރައްގީ ކޮށްފައި ވަނީ އެ ރަށުގެ ހުޅަނގު ފަރާތުގަ އެވެ. އަދި މޫދު ކޮޓަރިތައް ހުންނަނީ މެދުފަރާއި 500 މީޓަރު ދުރުގަ އެވެ.
މި ރިޒޯޓު ފަތުރުވެރިންނަށް ހުޅުވާލާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
ސޮނޭވާ ރިސޯޓްސް އެންޑް ރެޒިޑެންސީޒްގެ ވެރިފަރާތްކަމުގައިވާ ސޯނޫ ސިވްދަސާނީ ވިދާޅުވީ ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން އެ ރިސޯޓުގައި ދިވެހި އަންހެނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކުރާނެ ކަމަށެވެ. މިހާރު އެ ރިޒޯޓުގައި މަސައްކަތް ކުރާ މީހުންގެ ހަތަރު ޕަސެންޓު މީހުންނަކީ ދިވެހި އަންހެނުންނެވެ.
ޖުމްލަ ކޮށް ބަލާއިރު އެ ރިޒޯޓުގެ 23 ޕަސެންޓު މުއައްޒަފުންނަކީ އަންހެން މުއައްޒަފުންނެވެ. ސިވްދަސާނީ ވިދާޅުވީ އޭނާގެ އަމާޒަކީ ރިޒޯޓުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު ގިނަކޮށް، 30 ޕަސެންޓަށް އެރުވުން ކަމަށެވެ.

"ރާއްޖޭގެ ސަގާފަތް އޮންނަ ގޮތުން ގިނަ އަންހެނުންނަށް ފުރުސަތެއް ނުލިބޭ. އަސްލު އަންހެންވެރިން ބޭނުން ނުވަނީ މަސައްކަތް ކުރަން. އެކަމަކު ދިވެހިންގެ ތެރޭގައި އެބަ ތިބި ވަރަށް ހުނަރުވެރި ކަނބަލުން. އަޅުގަނޑުމެން ވާނީ މި ރިޒޯޓުގައި އަންހެން ކަނބަލުންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކްތަކެއް ގާއިމްކޮށްފަ. އެ ކަނބަލުންނަށް އެއްވެސް ވަރެއް އުނދަގުލެއް ކޮށްގެން އެކަން ގަބޫލެއް ނުކުރެވޭނެ،" ސިވްދަސާނީ ވިދާޅުވިއެވެ.
ސޮނެވާ ކުންފުނީގެ ރާއްޖޭގައި ތަރައްގީކޮށް ހިންގަމުން އަންނަ ފުރަތަމަ ރިޒޯޓަކީ "ސޮނެވާ ފުށި" އެވެ. އަދި ތައިލޭންޑްގައި "ސޮނެވާ ކިރި"ނަމުގައި ރިޒޯޓެއް އެ ކުންފުނިން ހިންގައެވެ. އެކުންފުނިން ފުރަތަމަ ރާއްޖޭގައި ރިސޯޓެއް ހުޅުވީ 1995 ވަނަ އަހަރުއެވެ.