މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނު އިރު، ހައުސިން ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް 52 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ ކަމަށް ދައްކައިފިއެވެ.

އެޗްޑީއެފްސީއިން އާންމުކޮށްފައިވާ އެ ކުންފުނީގެ، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 17.9 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ. އެ ކުންފުނީގެ ދެވަނަ ކުއާޓަރުގައި 15.4 މިލިޔަން ޑޮލަރު ލިބުނު އިރު، ފުރަތަމަ ކުއާޓަރުގައި ލިބިފައި ވަނީ 18.6 މިލިޔަން ރުފިޔާ އެވެ.

އެގޮތުން، ޖުމްލަ 52،043،763 ރުފިޔާގެ ފައިދާ، އެޗްޑީއެފްސީއަށް މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުމާ ހަމައަށް ލިބިފައިވެ އެވެ.

މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 22 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެޗްޑީއެފްސީއަށް ޖުމްލަ ލިބިފައި ވަނީ 42،428،263 ރުފިޔާގެ ފައިދާއެކެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސަންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި، 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.

އެޗްޑީއެފްސީ އުފެދުނީއްސުރެ އަހަރުން އަހަރަށް އެ ކުންފުނީގެ ފައިދާ ދަނީ އިތުރުވަމުންނެވެ. ދެހާސް ބާރަ ވަނަ އަހަރުއެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 48.9 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. ޖެހިގެން އައި އަހަރުގެ ސާފު ފައިދާ 50.9 މިލިޔަނަށް އުފުލުނު އިރު، 2014 ވަނަ އަހަރު އެކުންފުނީގެ ސާފު ފައިދާ 54.9 މިލިޔަނަށް މައްޗަށް ޖެހިފައި ވެ އެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ސާފު ފައިދާ، އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 10 ޕަސަންޓު އިތުރުވި އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 60.5 މިލިޔަން ރުފިޔާ ލިބުނެވެ.