ވެއާހައުސް ފަދަ ތަންތަން އެޅުމަށް ގުޅިފަޅުން ބިން ކުއްޔަށް ހިފާފައިވާ 37 ފަރާތެއްގެ ތެރެއިން 15 ފަރާތަކަށް އެކަން ބަޔާންކޮށްފައިވާ ލިއުން )ޑީޑްސް( މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހަވީރު ގުޅިފަޅުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެލިއުންތައް ހަވާލުކޮށްދެއްވީ ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއާމަން އިބުރާހީމް އަހުމަދު ނާސިރެވެ.

ގުޅިފަޅުގައި މިއަދު ކުރިއަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި މިހާރު އެ ރަށުގައި ހަދައި ނިމިފައިވާ ކީވޯލާއި ރޭމްޕް ރަސްމީކޮށް ހުޅުވުމާއި ގަސް އިންދުމުގެ ޕްރޮގްރާމެއް އޮތެވެ. ކީވޯލާއި ރޭމްޕް ހުޅުއްވައި ދެއްވީ ވެސް ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއާމަން އިބުރާހީމް ނާސިރެވެ. ކީވޯލާއި ރޭމްޕް ހުޅުވުމަށް ފަހު އެތަން ބޭނުންކޮށްގެން ގުޅިފަޅަށް ވެހިކަލެއް ބޭލި އެވެ.

ގުޅިފަޅުން ބިން ކުއްޔަށް ހިފި 37 ފަރާތުގެ ތެރެއިން މިއަދުގެ ރަސްމިއްޔާތަށް ހާޒިރުވި 15 ފަރާތަށް އެކަމާ ބެހޭ ލިއުން ހަވާލުކޮށް ދެއްވުމަށް ފަހު ޗެއާމަން ނާސިރު ވިދާޅުވީ ގުޅިފަޅު ތަރައްގީކުރަމުން ދަނީ ފެހި ރަށެއްގެ ގޮތުގައި ކަމަށާއި އެ ރަށުން މީހުން ދިރިއުޅުމަށް ވިއްކުމަށް ހަމަޖެހިފައިވާ ގެތައް އަތްފޯރާ އަގެއްގައި ލިބޭނެ ކަމަށެވެ.

ގުޅިފަޅު ހިއްކައި ތަރައްގީ ކުރަމުން އަންނަ ކުންފުނި ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމެންޓް ކޮމްޕެނީ )ޖީޑީޕީ(ގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑައިރެކްޓާ ސިވަރާޖް މަނިވަންނަން މިއަދު ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަކަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި ހުރިހާ ރަދެއް ކުރަނީ ޖޑީޕީން ކަމަށެވެ. އަދި އެކުންފުނިން ފައިސާ ހޯދާނީ އެ ރަށުގައި އަޅާ ގެތައް ދިވެހިންނަށް ވިއްކައިގެން ކަމަށެވެ.

"އަހަރެމެން ފައިސާ ހޯދާނީ ދިވެހިންނަށް ގެތައް ވިއްކައިގެން، އަހަރެމެން އެކަމުގައި ދައްސެއް ނުވާނަން. ގެތައް ވިއްކާނީ އާދައިގެ މީހުންނަށް ވެސް ގަނެވޭ ވަރަށް." ސިވަރާޖް ވިދާޅުވި އެވެ.

ސިވަރާޖް ވިދާޅުވީ ގުޅިފަޅުގެ މުޅި މަޝްރޫއު ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް މަހެއްހާ ދުވަސްތެރޭގައި ނިންމައި 250 އަކަށް ގެ މިއަހަރު ނިމެންވާއިރަށް އަޅައި ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގްލޯބަލް ޕްރޮޖެކްޓް ޑިވަލޮޕްމެންޓް ކޮމްޕެނީ ލިމިޓެޑް )ޖީޑީޕީ( އަކީ އިނގިރޭސިވިލާތުގެ ކެޕިޓަލް އިންވެސްޓްމެންޓް ފައިނޭންސް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެން ދިވެހި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.