ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހަކަށް އިއްޔެ ވެގެންދިޔައީ އޭނާގެ 350 ވަނަ ލީގު ގޯލާއެކު އެވެ. އޭގެ ތެރެއިން ޕެނަލްޓީން ރޮނާލްޑޯ ޖެހި ގޯލުގެ އަދަދު ވެސް ގިނަ އެވެ.

ރޮނާލްޑޯ އަކީ އިދިކޮޅު ޓީމުތަކުގެ ކުރިމަތީގައި ނުރައްކާތެރި ކުޅުންތެރިއެކެވެ. ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޭނާ އަކީ ޕެނަލްޓީ ޖެހުމުގައި ވެސް ކާމިޔާބު ކުޅުންތެރިއެކެވެ. ޕެނަލްޓީގައި ރޮނާލްޑޯ އަކީ ކާމިޔާބު ކުޅުންތެރިޔަކަށްވުމުން "ޕެނާލްޑޯ"ގެ ނަމުން ވެސް އޭނާ މަޝްހޫރުވެފައިވެ އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް އާއި އަލަވޭސް ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ކެރިޔަރުގައި 350 ލީގު ގޯލު ރޮނާލްޑޯ ފުރިހަމަކޮށްފައިވަނީ ސްޕެނިޝް ލަލީގާގައި ރޭ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅެ، 4-1 ލަނޑުން ރެއާލް ކުޅުނު މެޗުގައެވެ. އެ މެޗުގައި އޭނާ ހެޓްރިކެއް ފުރިހަމަކުރި އިރު، މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ސްޕެނިޝް ލަލީގާގައި ރޮނާލްޑޯ ޖެހި 265 ގޯލުގެ ތެރެއިން 20 އިންސައްތަ އަކީ ޕެނަލްޓީން އޭނާ ކާމިޔާބުކުރި ގޯލްތަކެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި އޮތް ރޮނާލްޑޯ، އެ މުބާރާތުގައި ކާމިޔާބުކުރި ގޯލުތަކުގެ ތެރެއިން 12.5 އިންސައްތަ އަކީ ޕެނަލްޓީން ކާމިޔާބުކުރި ގޯލްތަކެވެ.

ކޮޕާ ޑެލް ރޭ އަށް ބަލައިލާ އިރު، އެ މުބާރާތުގައި ރޮނާލްޑޯ ކާމިޔާބުކުރި 21 ގޯލުގެ ތެރެއިން 14.3 އިންސައްތަ އަކީ ޕެނަލްޓީން ކާމިޔާބުކުރި ގޯލުތަކެވެ. މިހާތަނަށް ހުރިހާ މުބާރާތެއްގައި ރޮނާލްޑޯ ޖުމްލަ 371 ގޯލު ކާމިޔާބުކޮށްފައިވާ އިރު، އޭގެ ތެރެއިން 66 ގޯލަކީ ޕެނަލްޓީން އޭނާ ކާމިޔާބުކުރި ގޯލުތަކެވެ.