އުރީދޫ މޯލްޑިވްސް އިން، ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ދެ މުއައްޒަފަކު ހައްޖަށް ފޮނުވަން ނިންމައިފި އެވެ.

އުރީދޫ އިން މިކަން އިއުލާންކޮށްފައި ވަނީ މި އަހަރު ބޭއްވި ކޮމިއުނިކޭޝަން ފޯރަމްގައި ކަމަށެވެ. އަދި މި އިނިޝިއޭޓިވްގެ ދަށުން އެ ކުންފުނީގައި މަސައްކަތް ކުރާތާ ފަސް އަހަރުވެފައިވާ ކޮންމެ މުއައްޒަފަކަށް ވެސް ހައްޖަށް ދިއުމަށް ކުރިމަތިލެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ ހައްޖަށް ދާން ކުރިމަތިލާ މުއައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ދެ މުއައްޒަފަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ހައްޖަށް ފޮނުވާ ދެ މުއައްޒަފުން މިހާރު ހޮވާފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނު އުރީދޫގެ ދެ މުވައްޒަވުންނަށް، މަރުހަބާ ދަންނަވަން. މިފަދަ ފުރުސަތެއް މުވައްޒަފުންނަށް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިގޮތުން، މި ސުކީމްގެ ދަށުން ކޮންމެ އަހަރަކު ވެސް، އުރީދޫގެ ދެ މުވައްޒަފަކަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ." އުރީދޫގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް މެނޭޖަރު ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.

އަންނަ އަހަރު ހައްޖަށް ފޮނުވަން ހޮވިފައިވަނީ އެކުންފުނީގެ ލޯންޗް ޑްރައިވަރު، މުހައްމަދު ޔަސީން އާއި އަހުމަދު ރިޒާ އެވެ.

އުރީދޫ އިން މިފަދަ ސުކީމެއް އެކުންފުނީގެ މުއައްޒަފުންނަށް ހުޅުވާލިއިރު އެކުންފުނީގެ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ އާމްދަނީ އަކީ 1.2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 38 ޕަސެންޓު އިތުރު އަދަދެކެވެ.