30 Oct 2016, 13:10
އައިފޯނު 7 ޕްލަސް ބާޒާރަށް ނެރުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އައިއޯއެސްގެ ފަހުގެ އަޕްޑޭޓް 10.1 އާ އެކު އެ ފޯނުގެ ކެމެރާއަށް "ޕޯޓްރެއިޓް" މޯޑު ތައާރަފްކޮށް ކަސްޓަމަރުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދީފި އެވެ.
ޓެސްޓް ވާޝަން އެއްގެ ގޮތުގައި ނެރެފައިވާ އެ މޯޑުގައި ފޮޓޯ ނެގުމުން ޕޯޓްރެއިޓް ފޮޓޯތަކުގެ ފޯކަސް ކުރާ އޮބްޖެކްޓް ފޯކަސްވުން އިތުރުވެ ބެކްގްރައުންޑް އިތުރަށް ބްލާ ނުވަތަ ފުސްވެގެން ދެ އެވެ. ޑިޖިޓަލް ސިންގަލް ލެންސް ރިފްލެކްސް (ޑީއެސްއެލްއާރު) ކެމެރާތަކުން ފޮޓޯ ނަގާހާ ކޮލިޓީކޮށް ނުނެގުނު ކަމުގައި ވިޔަސް އެފަދަ ކެމެރާއަކުން ނަގާ ފޮޓޯގެ ސިފަ ޕޯޓްރެއިޓް މޯޑުގައި ނެގުމުން ހުންނާނެ އެވެ.

ޕޯޓްރެއިޓް މޯޑުގައި ނަގާފައިވާ ފޮޓޯ (ކ) އަދި ނޯމަލް މޯޑުގައި ނަގާފައިވާ ފޮޓޯ (ވ) --- ފޮޓޯ/ އެންގެޖެޓް
ނަމަވެސް ޕޯޓްރެއިޓް މޯޑް އަދި އެއްކޮށް ފުރިހަމަ ވެފައި ނުވާތީ އެ އެ މޯޑް ބޭނުން ކުރުމާއި ނުކުރުމުގެ އިހްތިޔާރު އައިފޯނު 7 ޕްލަސް ބޭނުންކުރާ ފަރާތްތަކަށް އޮންނާނެ އެވެ. އައިއޯއެސް 10.1 އަށް ފޯން އަޕްޑޭޓް ކުރުމުން ކެމެރާ އެޕް އިން ޕޯޓްރެއިޓް މޯޑް ތަޖުރިބާ ކޮށްލަން ބޭނުންތޯ އަހާނެ އެވެ.

ކެމެރާގެ ފެންވަރު ރަނގަޅުކޮށް ނެރުނު އައިއޯއެސް އަޕްޑޭޓުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެސް އިތުރު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ޓޫ ސްޓެޕް ވެރިފިކޭޝަން ވަނީ އެ އަޕްޑޭޓާ އެކު ހިމަނާފަ އެވެ. އެގޮތުން އެހެން ޑިވައިސް އަކުން އެޕަލް އައިޑީއިން ލޮގިންވާނަމަ އެ ލޮގިން ވަނީ އެ އައިޑީގެ ވެރިފަރާތުންކަން ކަށަވަރު ކުރުމަށް ކޯޑެއް ފޮނުވާނެ އެވެ. ލޮގިން ވެވޭނީ އެ ކޯޑު ޖެހުމުންނެވެ.
އައިއޯއެސްގެ މި އަޕްޑޭޓާ އެކު އައިފޯނު ބޭނުން ކުރާ، ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޕޯޓްރެއިޓް މޯޑަކީ ފޮޓޯ ނެގުމުގެ ޝައުގުވެރިކަން އިތުރުވެގެން ދާނެ ފީޗާ އަކަށް ވެގެންދާނެ އެވެ.