ރޯމް (އޮކްޓޯބަރު 30): އިޓަލީގެ މެދުތެރެއަށް 7.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފި އެވެ.

އިޓަލީއަށް އެބިންހެލުން އައިސްފައި ވަނީ މެދުތެރޭ އިޓަލީއަށް ދެބިންހެލުމެއް އައިސް ގިނަ އިމާރާތްތަކަށް ގެއްލުންވިތާ ތިން ދުވަސް ފަހުންނެވެ. އަދި 298 މީހަކު މަރުވި 6.2 މެގްނިޓިއުޑުގެ ބާރުގަދަ ބިން ހެލުމެއް އައިތާ ދެމަސް ފަހުންނެވެ.

އެބިންހެލުންތަކަށް ފަހު އިޓަލީގެ ނެޝަނަލް ކޮމިޝަން ފޯ ދި ފޯކާސްޓު އެންޑް ޕްރިވެންޝަން އޮފް މޭޖާ ރިސްކްސް (ސީޖީއާރު)ން ވަނީ ކުރިން ބިންހެލުން އައި ސަރަހައްދުތަކަށް އަނެއްކާ ވެސް ބިންހެލުން އައުމުގެ ނުރައްކާ އޮތް ކަމަށް ހުކުރު ދުވަހު ބުނެފަ އެވެ.

ރަޝިއާގެ މީޑިއާތަކުގައިވާ ގޮތުން އެބިންހެލުމުގެ ސަބަބުން މީހަކު މަރުވި ކަމުގެ އަދި އިމާރާތްތަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައި ނުވެ އެވެ. އެބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑު ކަމަށް ޔޫއެސްޖީއެސް އިން ބުނި ނަމަވެސް ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓާ (އީއެމްއެސްސީ)ން ބުނި ގޮތުގައި ބިން ހެލުމުގެ ބާރު މިނަކީ 6.6 މެގްނިޓިއުޑެވެ.

އެބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ ބުނެފަ އެވެ.