30 Oct 2016, 12:16
ޕީޕީއެމް އޮތީ ސަރުކާރާ އެކު ކަމަށް އެ ޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފެކްޝަނުން ހާމަކޮށްފި އެވެ.
ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމުން ވާދަކުރި އިންތިހާބުތަކުގެ ތެރެއިން 90 ޕަސެންޓް އިންތިހާބު ޕާޓީން ކާމިޔާބު ކޮށްފައި ވަނީ ރައީސް ޔާމީންގެ މަސައްކަތުން ކަމަށެވެ.
ކާމިޔާބީގެ ފަހަތުގައި ދެން ތިބީ ޕާޓީގެ އާންމު މެމްބަރުން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"މި ޕާޓީން ހޯދާފައިވާ ކާމީޔާބީތައް ހޯއްދެވުމަށާއި. ޕާޓީއަށް މެމްބަރުން އިތުރުކުރެއްވުމަށާއި އަދި ޕާޓީއަށް އިންތިހާބުތައް ކާމިޔާބު ކުރެއްވުމަށް ޓަކައި ޕާޓީގެ މުޝްތަޝާރު ވަނީ ރަށްރަށް ދަތުރުފުޅު ކުރައްވާ ބުރަ މަސައްކަތްތަކެއް ކުރައްވާފައި،" ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ޕާލިމެންޓްރީ ގްރޫޕުގެ އިތުރުން ގޮފިތައް ހިމެނޭ ގޮތަށް މުޅި ޕާޓީގެ ތާއީދު އޮތީ ސަރުކާރާ އެކު ކަމަށެވެ.
ރައީސް ޔާމީން އެދިލެއްވި ކޮންމެ ކަމަކަށް ވެސް ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވަނީ އެމަނިކުފާނު ރައީސް ޔާމީންގެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައިވާކަން އިއުލާނު ކުރައްވައިފަ އެވެ.