30 Oct 2016, 12:03
އަންނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތަކުގައި އިތުރު ހަތް ބްރާންޗް ހުޅުވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯޓް އާންމުކުރުމަށް މިއަދު ހެނދުނު އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކުގެ ފައިދާ އިތުރުވަމުން އަންނަ ވަރަކަށް އިތުރު ކަންކަމަށް އިންވެސްޓްކޮށް ރާއްޖޭގެ ރައްޔިތުންނަށް އެ ބޭންކުގެ މަންފާ ފުރިހަމައަށް ލިއްބައިދިނުމަށް މަސައްކަތްތަކެއް ކުރާ ކަމަށެވެ.
އެގޮތުން އަންނަ އަހަރު އަތޮޅުތަކުގައި އެ ބޭންކުގެ އިތުރު ހަތް ބްރާންޗު ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އަންނަ އަހަރު 150 ވަޒީފާ އެ ބޭންކުން ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އޭގެ އެއްބައި އަތޮޅުތަކުގައި ހުރި އެ ބޭންކުގެ ބްރާންޗުތަކުގައި ހުޅުވާލާ އިރު އަނެއްބައި ހުޅުވާލާނީ ވެރިރަށް މާލެ ރީޖަންގައި ކަމަށް ވިދާޅުވި އެވެ. އެއާއެކު މިހާރު އެ ބޭންކުގައި ތިބި 850 މުވައްޒަފުންގެ އަދަދު 1000 އަށް އިތުރުވާނެ އެވެ.
ހީލީ ވިދާޅުވީ އަތޮޅުތަކުގައި އިތުރު ހަތް ބްރާންޗު ހުޅުވާ އިރު، ހަތަރު އާ ބިޒްނަސް ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާނެ ކަމަށެވެ. އަދި އިތުރު ކަސްޓަމާ ސާވިސް ސެންޓަރެއް ވެސް މާލޭގައި ހުޅުވާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭގެ އިތުރުން އިތުރު ކޯލް ސެންޓަރެއް އައްޑޫގައި ހުޅުވާނެ ކަމަށް ވެސް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވި ގޮތުގައި އަލަށް ހުޅުވާ ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ބްރާންޗްތަކާއި ބިޒްނަސް ސެންޓަރުތަކުގެ ސަބަބުން އޭގެ ފައިދާ 22 ރަށަކަށް ކުރާނެ އެވެ. އެގޮތުން މި އަހަރު އެ ބޭންކުން ކޮށްފައިވާ 150 މިލިއަން ރުފިޔާ ވެސް އަންނަ އަހަރު ޑަބަލްކޮށް 300 މިލިއަން އިންވެސްޓްކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަހަރުގެ އިންވެސްޓަށް ވުރެ އަންނަ އަހަރުގެ އިންވެސްޓް ޑަބަލް ކުރާނަން. ތިން ސަތޭކަ މިލިއަން އިންވެސްޓްކުރާނަން. އެ އިންވެސްޓްތަކުގައި އާ 10 ސީއެއްއާރު ޕްރޮޖެކްޓެއް ވެސް ހިމެނޭނެ. އޭގެ ތެރޭގައި ތައުލީމް، ކުޅިވަރު އަދި ތިމާވެށީގެ ކަންކަމާއި އާންމުންނާ ގުޅޭ ކަންކަން ހިމެނޭނެ،" ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ.
ބީއެމްއެލް އިން އަންނަ އަހަރަށް ގިނަ ޕްރޮޖެކްޓްތަކެއް ރާވައި އެ ކަންކަން މިއަދު ހާމަކޮށްފައިވާ އިރު، މި އަހަރުގެ ތިން ވަނަ ކުއާޓަރާ ހަމައަށް، ފާއިތުވި ނުވަ މަހު އެ ބޭންކަށް ވަނީ ސާފު ފައިދާގެ ގޮތުގައި 755 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ތިން ކުއާޓަރުގެ ފައިދާއާ އަޅާ ބަލާއިރު 95 ޕަސެންޓްގެ ކުރިއެރުމެކެވެ.