ތަކާފުލްގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ކަސްޓަމަރުން ކޮށްފައިވާ ކްލެއިމް ގިނަވެ، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އަމާނާ ތަކާފުލްއަށް ހަތް ލައްކަ ރުފިޔާގެ ޑެފިސިޓަކާ ކުރިމަތިލައިފި އެވެ. ނަމަވެސް އެ ކުންފުނިން ބުނަނީ މިއީ އަންނަ ކުއާޓަރުގައި ރިކަވާ ކުރެވޭނެ ފައިސާ ކަމަށެވެ.

އަމާނާ ތަކާފުލްއިން ރޭ އާންމުކުރި އެ ކުންފުނީގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބިފައި ވަނީ 720،499 ރުފިޔާގެ ގެއްލުމެކެވެ. މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އަމާނާ ތަކާފުލްއަށް ލިބިފައި ވަނީ 1.1 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.

އަމާނާ ތަކާފުލްގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ޑެފިސިޓް ވެފައި ވަނީ، އެ ކުންފުންޏަށް ލިބޭނެ ކަމަށް ބެލެވޭ ޕްރީމިއަމް (ރިޓެން ޕްރީމިއަމް)ގެ އަދަދު ދަށްވެފައި ވާތީ އެވެ. ދެވަނަ ކުއާޓަރުގައި ޖުމްލަ ރިޓެން ޕްރީމިއަމްގެ ގޮތުގައި އަމާނާ ތަކާފުލްއަށް 21.7 މިލިޔަން ރުފިޔާ ލިބުނު އިރު، ތިން ވަނަ ކުއާޓަރުގައި މި އަދަދު ވަނީ ހަ މިލިޔަނަށް ދަށްވެފަ އެވެ.

އަމާނާ ތަކާފުލްގެ ބިޒްނަސް ޑިވެލޮޕްމަންޓް ސީނިއާ އެގްޒެކެޓިވް އަހްމަދު ޝަމޫލް އަބްދުﷲ ވިދާޅުވި ގޮތުގައި، ތިން ވަނަ ކުއާޓަރުގައި ޑެފިސިޓެއް ދައްކާފައި ވަނީ ތަކާފުލް ޕްރޮޑަކްޓްތައް ގަނެފައިވާ ފަރާތްތަކުން ގެއްލުމުގެ ބަދަލަށް ކްލެއިމް ކޮށްފައިވާ މިންވަރު އިތުރުވުމުން ކަމަށެވެ.

"ތަކާފުލް ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ތަފާތު ފަންޑުތައް އޮޕަރޭޓު ކުރަން. ކްލެއިމްސް މެނޭޖު ކުރާނީ ޖެނެރަލް ފަންޑަކުން. މި ފަންޑަކީ އަޅުގަނޑުމެން އިންޝުއަރެންސް ޕްރީމިއަމް ކަލެކްޓްކޮށް ހަދާ ފަންޑު. ޖެނެރަލް ފަންޑުން ކްލެއިމް ކުރި މިންވަރު އިތުރުވުމުން މިގޮތަށް ދައްކާފައި މިވަނީ،" ޝަމޫލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ހިނގާނެ ކަމަށް ކުރިން ލަފާކޮށްފައިވާ ކަމެއް ކަމަށާއި، ޖެނެރަލް ފަންޑަށް މިފަދަ އަސަރެއް ކުރި ނަމަވެސް ހިއްސާދާރުންގެ ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ޝަމޫލް ވިދާޅުވީ، ތިންވަނަ ކުއާޓަރުގައި ކުރިމަތިވެފައިވާ ޑެފިސިޓް، މިހިނގާ ހަތަރު ވަނަ ކުއާޓަރުގައި މުޅިން ރިކަވަރ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ކުންފުނީގެ ޕަފޯމަންސަށް ބަލާ އިރު، ކުންފުނި ދަނީ ޕްލޭނާ އެއްގޮތަށް ކުރިއަރަމުން ކަމަށާއި، މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި، އަމާނާ ތަކާފުލްއަށް 29 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމާނާ ތަކާފުލްއިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އޯވަރއޯލްކޮށް ބަލާ ނަމަ އެކުންފުންޏަށް ހަ ޕަސަންޓުގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.